ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސެއިން، އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިމަނައިފިއެވެ.
ސައުދު އެމްޑީޕީއަށް ބަދަލުވެވަޑައިގެން ނަމަވެސް އެ މެމްބަރުގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާތީ މަޖިލީހުގައި ތިއްބެވި އަމިއްލަ މެންބަރުންގެ ފުރުސަތުތަކަށް ހިޔަނި އެޅެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި މަޖިލިސް ރައީސް ވިދާޅުވީ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރެއްގެ ގޮތުގައި ހުންނެވި ސައުދު މަޖިލީހުގެ ގަވާއިދުގައި ބުނާ ހުށަހެޅުންތައް ހުށަހަޅުއްވާފައިވާތީ އެކަން އިއުލާންކުރައްވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 66 އަށް އިތުރުވެފައެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް މެންބަރުންގެ އަދަދަކީ މިހާރު ހަތަރެކެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައްްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ސައުދު މީގެ ކުރިން އިންނަވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މި ބަދަލާއެކު އެ ކޮމިޓީގައި އަމިއްލަ މެންބަރެއްގެ ގޮތުގައި މެންބަރެއް ހިމެނެންޖެހޭ ކަމަށެވެ. އެހެންކަމުން އެ ކޮމިޓީގައި ހިމަނާނެ މެމްބަރެއް ކަނޑައެޅުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.