ރާއްޖޭގެ މާކަނޑުގައި ދިރިއުޅޭ ތުތިބޯވަދިލަމަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން، ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ދޫކުރުމުގެ ގޮތުން ދެވަނަ ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ވަނީ މިހާރު ހުޅުވާލާފައި ކަމަށެވެ.
އަދި އެ ފުރުސަތު އަންނަ މަހުގެ 15ގެ ނިޔަލަށް ހުޅުވާލާފައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ތުތިބޯވަދިލަމަހުގެ މަސްވެރިކަމަށް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވަނީ މިދިޔަ އާދިއްތަ ދުވަހު ނިންމާލައިފައެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ވަނީ މަސްވެރިންނަށް ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރާނެ ތަކެތި ދޫކުރަން ފަށައިފައެވެ.
ތުތިބޯވަދިލަ މަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން، ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ދޫކުރުމުގެ އުސޫލެއް ފިޝަރީޒް މިނިސްޓްރީން ވަނީ ކުރީން ކަނޑައަޅައިފައެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރުމަށް ދޫކުރާ ތަކެއްޗަކީ އަގުބޮޑު އެއްޗެހި ކަމަށެވެ. އެހެންކަމުން އެތަކެތި ދޫކުރާނީ ދިގު މުއްދަތުގައި އަގު އަދާ ކުރާގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.