ޗާގޯސް އައިލެންޑްސްއަކީ މޮރީޝަސްގެ ބައެއް ކަމަށް ގަބޫލުކޮށް، އެކަމަށް ތާއީދުކުރަން ސަރުކާރުން ނިންމީ އިންޑިއާގެ ނުފޫޒުން ކަމަށާއި މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ވިއްކާލާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.
ޔާމީން، ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެއަތޮޅު ހޮޅުދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މޮރިޝަސްއަކީ މިނިވަން ގައުމެއް ކަމަށްވިޔަސް އެގައުމުގެ މައްޗަށް ބާރު ހިންގަނީ އިންޑިއާއިން ކަމަށެވެ. އަދި ވިދާޅުވީ މޮރިޝަސްގައި އިންޑިއާގެ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަން މިހާރު ހުރީ ނިމެން ކައިރިވެފައި ކަމަށެވެ.
"މޮރިޝަސްއަކީ ވަކިގައުމެއް ކަމުގައިވީ ނަމަވެސް މޮރިޝަސްގެ އަމުރުމައުރޫފު ނުވަތަ މޮރިޝަސްގެ އެ ހިނގަނީ އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތަށް. އެތަނުގާ އޮތީ އިންޑިއާ ނަސްލުގެ ބައެއް. އެތަނުގާ އޮތީ އިންޑިއާގެ ބާރު. އެތަނުގެ ކޮންމެވެސް އެއް ރަށެއްގަ އިންޑިއާ އަސްކަރީ މަރުކަޒެއް ހަދާ އެ ނިމެނީ. އެހެންވީމާ މިކަންކުރީ ކީއްވެގެންތޯ ހިޔާލަށް ގެނައިމަ ޑރ. މުނައްވަރު މެންކަހަލަ ބޭފުޅުން އެކި ބޭބޭފުޅުން އެބަ ވިދާޅުވޭ މީ އިންޑިއާ ބޭނުންވެގެން ގޮތަށް އިންޑިއާ ބޭނުންވާ ގޮތަށް މިކަން ކޮށްދިނީއޭ. އިންޑިއާ ބޭނުންވާ ގޮތަށް ރާއްޖޭގެ ބިމުގެ ސަރަހައްދު ކަފާލާފަ އެދެނީ،" ޔާމީން ވިދާޅުވިއެވެ.
މޮރިޝަސްއިން ޗާގޯސްގައި ސިޔާދަތީ ބާރު ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތް ކަމަށާއި އެކަމަކީ ދިވެހި ހުރިހާ ރައްޔިތުން ކަންބޮޑުވެފައިވާ ކަމެއް ކަމަށެވެ.
"ސަރުކާރުން ޗާގޯސްގެ ނޫނީ މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ އަތޮޅަށް ލިބޭކަމަށް ސަރުކާރުން ގަބޫލުކުރާކަމަށްވަންޏާ، މިހާރު ގަބޫލުކޮށް އެކަން ނިމިފަ އޮތީ ދިވެހިންގެ އަތުން މިކަނޑު ބީވެ ހިނގައްޖެ. އެއިން އެކަނި ގެއްލޭ މިނެއް ކަމަށް މި ބުނަނީ 96،000 އަކަ ކިލޯމީޓަރު،" ޔާމީން ވިދާޅުވިއެވެ.
ރައީސް ސޯލިހު، ޗާގޯސް މައްސަލައިގައި ހަނު ހުއްނަވަނީ އެ މައްސަލައިގައި ކުށެއް ކުރެވިއްޖެ ކަމަށް އިހުސާސްކުރެއްވޭތީ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަދި މިއުޅެނީ މި ސޯލިހު ރައީސްގެ ބަހެއް މިކަމުގެ އަޅުގަނޑުމެންނަށް ނުފެނިގެން. އަޑެއް ނީވެގެން މިއުޅެނީ. އެއްގޮތަކަށް ވެސް އަަދި އޭނާ ވިދާޅުވާ ވާހަކަ އަޑެއް ނީވޭ. މީ ހާރިޖީ ދާއިރާގައި ހިނގައިދިޔަކަމަކަށްވާތީ ހަރީޖީ ވަޒީރުގެ ބަހައެއް އެބައޮތްތޯ. ނޫން. ދެން މިކަމުގައި ހަމައެކަނި ކީއްކުރަންތޯ އަޅުގަނޑުމެން އެއް އަތުން ތަޅަނީ މި ބަންޑާރަ ނައިބު ގައިގަ. އެއީ އެކަމަކު ތަޅަންޖެހޭ މީހެއް. އެކަމަކު އޭނާ އެކަންޏެއް ނޫނޭ. މީގަވެސް އެބަތިބި އޭނާއާއެކީ މަސައްކަތްކުރާ މީހުން. އޭގެ ތެރޭގައި ކުޑަރިޔަލާ މާރިޔަލާ މިކަހަލަ އެތައް ބަޔަކު އެބަތިބި،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހދ. ހަނިމާދޫން އެރަށުގެ ރައްޔިތުން ބާލާނެ ކަމަށެވެ. އަދި ހަނިމާދޫއަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެރަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ފޮރުވިފައިވާ މަގުސަދެއްގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
"މި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިހާރު މި ސަރުކާރުން ކުރާ ކަންތައްތައް ކުރަމުން ގޮސް އެ މީހުން ކާމިޔާބުކުރާ އިންތިހާބަކަށް ވެއްޖިއްޔާ އެންމެ ފުރަތަމަ ކުރާނެ ކަމަކީ ބައެއް ރަށްރަށުން މީހުން ބާލާނީ. ހަނިމާދޫން މީހުން ބާލާނެ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން ނިންމާފައިވަނީ ތިން ކިލޯމީޓަރަށް ކަމަށާއި އެއީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް ޖެއްސުމަށް ކަމަށެވެ. އަދި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮމާޝިއަލް ފުލައިޓުތައް ޖެއްސޭނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކަށް ޖާގަ ދިނުމަށްފަހު ބާކިވާ ތަންކޮޅުގައި ކަމަށެވެ.
"އެއީކީ އެއްގޮތަކަށް ވެސް މަދަނީ އުދުހުންތަކަކަށް ބޭނުންވާ ވަރުގެ އެއާޕޯޓެއް ނޫން. އެއީ އިންޑިއާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް އެއާޕޯޓެއް" ޔާމީން ވިދާޅުވިއެވެ.