ބަންގލަދޭޝް ގައި ހިންގި މާރާމާރީއެއްގައި ދިވެއްސަކު މަރުވެފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ހާމަކޮށްފައިވަނިކޮށް، ފޮރިން މިނިސްޓްރީން އެކަން މިއަދު ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބަންގާޅުގެ ބައެއް ނޫސްތަކުގައި މަރުވެފައިވަނީ އެގައުމުގައި ދިރިއުޅެމުންދާ 35 އަހަރުގެ ލާލު ޝާހު ކިޔާ ދިވެއްސެއް ކަމަށް ބުނެފައިވާކަމަށެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ލާލު ޝާހު އަކީ ދިވެއްސެއް ނޫން ކަމަށާއި އޭނާ އަކީ ރާއްޖޭގައި މީގެ ކުރިން މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އެ ނޫހުން އެއީ ދިވެއްސެއް ކަމަށް ރިޕޯޓް ކުރެވުނީ އެރި އޮޅުމަކުން ކަމަށް ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޔޫއެންބީ" އިން ބުނީ، މަރުވެފައިވާ ލާލު އަކީ ބަންގުލަދޭޝްގައި އޭނާގެ އާއިލާއާއެކު ދިރިއުޅެމުން އަންނަ މީހެއް ކަމަށެވެ.
އެގައުމުގެ ފުލުހުންނާއި ހަވާލާދީ އެ ނޫހުގައި ބުނީ ލާލު މަރުވީ، އޭނާގެ ދަރިއަކާއި އޭނާގެ އަވައްޓެރިއެއްގެ ދަރިއަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ކަމަށެވެ.
އަދި އޭގެ ފަހުން ލާލުގެ އަވައްޓެރިއާގެ އާއިލާއިން ލާލުއަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލީ ކަމަށް ބުނެފައިވެއެވެ.