އިބްރާހިމް ޒަކީ
އޭވިއޭޝަން ދާއިރާގެ ސަލާމަތީ ކަންކަމާއި، މާލީ ނިޒާމް ހަރުދަނާކުރުމުގެ އިތުރުން އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ރާއްޖޭގެ ފޮރިިން މިނިސްޓަރ އަބުދުﷲ ޝާހިދުއާ ހިއްސާކޮށްފިއެވެ.
މި ކަންތައްތައް އެމްރިކާ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓަރއާ ހިއްސާކުރީ، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި ދެބޭފުޅުންގެ މެދުގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މިއަދު މެންދުރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ސަފީރު ޓެޕްލީޒްވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު، ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވާ ތިލްމީޒާ ހުސައިން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޝިއުނީން ބައިވެރިވެވަޑައިގަތެވެ.