ޗާގޯސް އައިލެންޑްސްއަކީ މޮރީޝަސްގެ ބައެއް ކަމަށް ގަބޫލުކޮށް، އެކަމަށް ތާއީދުކުރަން ސަރުކާރުން ނިންމީ އިންޑިއާގެ ނުފޫޒުން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ތުހުމަތުކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ އިންޑިއާ އާއި މޮރީޝަސްގެ ގުޅުން ވަރަށް ގާތް ކަމަށާއި މޮރީޝަސްގެ އަބާދީގެ ބޮޑު ބަޔަކީ އިންޑިއާ ނަސްލުގެ މީހުން ކަމަށެވެ. އަދި ވިދާޅުވީ، ޗާގޮސް އައިލެންޑްސް، މޮރިޝާސްގެ ބާރުގެ ދަށަށް ދިޔުމުން އިންޑިއާގެ ހުއްދަ ނުލިބި އިންޑިއާ ކަނޑުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސް ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމަ މިވާގޮތަކީ މޮރީޝަސް އާއި އިންޑިއާ މި އޮންނަ ގާތް ގުޅުމުގެ ތެރެއިން މޮރީޝަސްއަށް ތަން ލިބުމަކީ އިންޑިއާ ބުރަވާނެ ގޮތް،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
އިންޑިއާއިން ތާއިދު ކުރަނީ ޗާގޯސް، މޮރިޝަސް ދަށުގައި އޮތުމަށް ކަމަށާއި އެކަމުގެ ބޭނުމަކީ އިންޑިއާގެ ބާރު މި ސަރަހައްދުގައި ވަރުގަދަކުރުން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
"އެހެންވީމާ އެ މީހުން އެގޮތަށް (ރާއްޖެއިން މޮރިޝަސްއާ އެއްކޮޅުވުމަށް) ބާރު އެޅުމަކީ ހަމަ ވަރަށް ގާތް ކަމެއް. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެކަން އެގޮތަށް ހިނގި ކަމަށް،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މެރިން ބައުންޑަރީ ކަނޑައެޅުމުގެ މައްސަލަ މޮރީޝަސްއިން އިޓްލޮސްއަށް ހުށަހެޅުމުން ރާއްޖެއިން އެންމެ ފުރަތަމަ ވަކާލާތު ކުރީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް އިޓްލޮސްއިން ނިންމީ އެ މައްސަލަ ބެލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެ ނިންމުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ ރާއްޖެއިން މަސައްކަތް ކުރާނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުން އެގޮތަށް ކުރިން ބުނެފައިވާއިރު، ކުއްލިއަކަށް މޮރީޝަސް ކޮޅަށް ވޯޓު ދޭން ނިންމީ ކީއްވެކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމިކަން ކެބިނަޓަށް އެނގިފައިވާ ކަމަށް ނޫސްތަކުން ވެސް ރިޕޯޓު ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
މޮރީޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމީ ރާއްޖެއިން އިސްތިއުމާރުކުރުމާ ދެކޮޅުކަމަށްވާތީ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ އިޓްލޮސްގައި ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ އެކަން އަންގައި މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ލިޔުއްވާފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޑރ. މުނައްވަރު ވިދާޅުވީ ރާއްޖެއަކީ އިސްތިއުމާރު ކުރުމާ ދެކޮޅު ގައުމެއް ކަމަށް ދުނިޔެއިން ގަބޫލުކުރާ ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވަން ނުހެޖޭ ކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ ސިޔާދަތާ ގުޅުންހުރި މިފަދަ މައްސަލަތަކަކީ "ފުޓުބޯޅައެއްހެން ކުޅޭކުޅޭ އެއްޗަކަށް" ހަދައިގެން ނުވާނެ ކަމަށެވެ. އަދި އެ ވާހަކަތައް މަޖިލީހުގައި ވެސް ދެއްކެން ވާނެ ކަމަށާއި އެއީ އެހެން ސަރަހައްދެއްގެ މިލްކެއްތޯ ބަލަން ނުޖެހޭނެ ކަމަށެވެ.