ޚަބަރު

ޗާގޯސް މައްސަލަ: ރާއްޖޭގެ ސަރަހައްދުން ބައެއް ނުގެއްލޭނެ: ޕަޔަމް އަހަވަން

މުހައްމަދު އިޝާން

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ރާއްޖެ އާއި މޮރީޝަސް ބޯޑަރު މައްސަލައިގައި ގޮތެއް ނިންމާއިރު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށް އިޓްލޮސްގައި ރާއްޖެ ތަމްސީލުކުރައްވާ ގާނޫނީ ޓީމްގެ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް އަކަވަން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަޔަމް ވިދާޅުވީ، އިޓްލޮސްގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖެއިން ބައެއް ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ނުވަތަ ފުށޫއަރާ ސަރަހައްދު އެއްކޮށް ރާއްޖެއް ލިބެންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަސް އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ.

"މީ ފުޓްބޯޅަ މެޗެއް ކަހަލަ ކަމެއް ނޫން. މިޒާތުގެ މައްސަލަތައް ޓްރައިބިއުނަލްއިން ވަރަކަށް ކޮމްޕްރަމައިޒް ކޮށްގެން ދެ ގައުމުން ވެސް އެބަޔަކު ބޭނުންވާ ގޮތަކަށް ކަންތައްތައް ކޮށްދެވޭތޯ ބަލާނެ. އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުދޭނެ. ފުށުއެރުން އޮތީ 100،000 ކިލޯމީޓަރުގެ ތެރެއިން 3،000 އަކަ ކިލޯމީޓަރާއި 4،000 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި،" ޕަޔަމް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމާ އެއްކޮޅަށް ރާއްޖެއިން މީގެ ކުރިން އަންނަނީ ވޯޓު ދެއްވަމުންނެވެ. އެއީ ޗާގޮސް އައިލެންޑްސް އިނގިރޭސިވިލާތަކީ ސަރަހައްދެއް ކަމަށް ރާއްޖެއިން ދޭ ވޯޓެވެ. ނަމަވެސް ކުއްލިއަށް ރާއްޖެއިން އެ މައްސަލައިގައި މޮރިޝަސް ކޮޅަށް ވޯޓުދޭން ނިންމުމުން ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ޕަޔަމް ވިދާޅުވީ ހިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން، އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބަކަށް ބިނާކޮށް ނޫން ކަމަށެވެ. އަދި އައިސީޖޭއިން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ މިލްކެއް ކަމަށް ކަނޑައަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.

"މެރިން ބައުންޑަރީގެ މައްސަލަ ހައްލުކުރަން ޖެހެނީ އައިސީޖޭއިން އިނގިރޭސި ވިލާތުގެ ބަދަލުގައި މޮރީޝަސްއަށް ކަނޑުގެ ސިޔާދަތީ ބާރު ދިނުމުން. އެއާއެކު މެރިން ބައުންޑަރީ ކަނޑައެޅުމުގައި ދެ ގައުމު، ރާއްޖެ އާއި މޮރިޝަސް ހިޔާލު ތަފާތުވެފައިވާތީ އެ މަސައްކަތް ކުރާތާ މިހާރު ވަނީ ދެ އަހަރުވެފަ. މެރިން ބައުންޑަރީ ކަނޑައެޅުމުގައިި އަމަލުކުރާ ގޮތްތަކެއް ހުންނާނެ. ރާއްޖެއިން ވޯޓުދޭ ގޮތަކަށް ނުބަލާނެ،" ޕަޔަމް ވިދާޅުވިއެވެ.

އިޓްލޮސްގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި ރާއްޖޭގެ ކޭސް ވަރުގަދަ ކަމަށް ޕަޔަމް ވިދާޅުވިއެވެ. އަދި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ޖިއޯޕޮލިޓްކްސް ފެންވަރުގެ ޑިސްޕިއުޓެއް ނެތް ކަމަށާއި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބައުންޑަރީގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށް ޕަޔަމް ވިދާޅުވިއެވެ.

"އެ ހިލާފަކީ ބްލެމެން މޮރިޝަސްގެ ބްލެމެން ރީފުން ފަށައިގެން އެ ގައުމުން މި އަޅާތީ ރާއްޖެއިން އެކަމާ ދެކޮޅު ހެދުމުން،" ޕަޔަމް ވިދާޅުވިއެވެ.

ޕަޔަމް ވިދާޅުވީ މެރިން ބައުންޑަރީ ކަނޑައެޅުމުގައި އިން އަޅަން ފަށާނީ އެއްގަމުން ކަމަށާއި ނަމަވެސް މޮރިޝަސްއިން ބޭނުންވަނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެމެން ރީފުން ފެށިގެން އިން އަޅަން ކަމަށެވެ.

އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ޕަޔަމް ވިދާޅުވީ މެރިޓައިމް މައްސަލަތަކަކީ ވަކި ބަޔަކު މޮޅުވެ އަނެއް ބަޔަކަށް އެއްވެސް ކަމެއް ހާސިލުނުވެދާ ކަހަލަ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި މުހިންމީ ރާއްޖެއަށް މައްސަލަ ކާމިޔާބުވުން ނޫން ކަމަށާއި މުހިންމީ ހިލާފު އުފެދިފައިވާ ސަރަހައްދު ބަހާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ކަނޑައެޅުން ކަމަށެވެ.