ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމެއް ކަމަށްވާ ފުލްބްރައިޓް އެކެޑެމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް އެމެރިކާއާއެކު އެއްބަސްވެއްޖެ އެވެ.
ފުލްބްރައިޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އެމެރިކާ އާއި ދިވެހިރާއްޖޭގައި ވަނީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.
ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ތައުލީމީ ދާއިރާއިން ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެއެވެ. ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ރާއްޖެއިން ސޮއިކުރީ 2003 ވަނަ އަހަރެވެ.