ޚަބަރު

ޔޫކޭގެ އާ ބޮޑުވަޒީރު ރިޝީގެ ޒައާމަތުގައި ދެގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން: ރައީސް

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނާކްގެ ޒައާމަތުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ވެރިކަން ކުރަމުންދާ ކޮންޒަވޭޓިޕް ޕާޓީގެ ލީޑަރަކު ކަނޑައެޅުމަށް މިއަދު ވަނީ އެ ޕާޓީގެ 1922 ކޮމިޓީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރެއްވީ ރިޝީ އެކަންޏެވެ. އެހެންވެ، އޭނާ ވަނީ އެޕާޓީގެ ލީޑަރު ކަމަށް އިންތިހާބުވެފައެވެ.

ރިޝީ އެގައުމުގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވުމާ ގުޅިގެން ރައީސް ސޯލިހް، އޭނާއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިޝީ ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި ދެގައުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވާ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮންޒަވޭޓިޕް ޕާޓީގެ ލީޑަރު ކަމަށް ރިޝީ އިންތިހާބުވެވަޑައިގެންފައިވާ އިރު، ދެން އެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ރައީސް ޕެނީ މޯޑައުންޓް އާއި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ. ނަމަވެސް އެ ދެބޭފުޅުން ވަނީ ފަހުން ނަން އަނބުރާ ގެންދަވައިފައެވެ.

މިއަދު ޔޫކޭ ގަޑިން މެންދުރު 2:00 އާ ހަމަޔަށް ލީޑަރުކަން ކަށަވަރުކުރުމަށް 100 ނޮމިނޭޝަން ހަމަކުރުމުގެ މަސައްކަތް ކުރެއްވި އިރު، ވަގުތު ޖެހުމުގެ ކުރިން ރިޝީ ވަނީ 200 އަށްވުރެ ގިނަ މެމްބަރުންގެ ތާއީދު ހޯއްދަވައިފައެވެ.

ކޮންޒަވޭޓިވް ޕާޓީން އާ ބޮޑުވަޒީރަކު އިންތިހާބުކުރަން ނިންމާފައި މިވަނީ އެ ޕާޓީގެ ލީޑަރު އަދި މިހާރުގެ ބޮޑު ވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރެއްވުމުންނެވެ.

އުމުރުފުޅުން 42 ގެ ރިޝީ ވެގެން ދާނީ 1803 ވަނަ އަހަރަށްފަހު ބޮޑުވަޒީރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއަށެވެ.

ރިޝީ ސުނަކަކީ ހިންދޫއެކެވެ. އޭނާއަކީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާގެ އަނބިކަނބަލުން އަކްޝަތުރާ މުރުތީ އަކީ އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ނަރަޔާނާ މުރުތީގެ ދަރިއެކެވެ. ރިޝީ ސުނަކް އާއި އަކްޝަތުރާގެ މިލްކިއްޔާތު 730 މިލިއަން ޕައުންޑަށް އަރައެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ފުރަތަމަ ހިންދޫ ބޮޑުވަޒީރެވެ. އިންޑިޔާ ދަރިކޮޅުގެ އިނގިރޭސި ފުރަތަމަ ބޮޑުވަޒީރެވެ.