އައިޖީއެމްޗުގެ މާބަނޑު މީހުންނާއި އަންހެނުންނަށް ހާއްސަ ވޯޑުތައް ހިމެނޭ ހިޔަލަ ވިންގުގެ ލިފްޓު ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.
އައިޖީއެމްއެޗުން މިދިޔަ އާދިއްތު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހިޔަލަ ވިންގަށް ބަލި މީހުން އަރައި ފޭބުމަށް ބޭނުންކުރާ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ އިމާރާތުން ދެމުން އައި ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލިފްޓް ދިމާވި މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. ލިފްޓަށް ދިމާވި މައްސަލައިގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ހިޔަލަ ވިންގުގެ ހިދުމަތްތައް މާދަމާއިން ފެށިގެން ހިޔަލަ ވިންގުން ލިބެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ހިޔަލަ ވިންގުގެ ލިފްޓަށް މައްސަލަ ދިމާވުމުގެ ސަބަބުން ދަރުމަންވަތަ ބަދަލުކުރި ހިދުމަތްތަކަކީ ހިޔަލަ ވިންގުގެ ދެވަނަ ފަންގިފިލާއިން ދެމުންގެންދާ އިމަޖެންސީ ހިދުމަތްތައް، ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމެންޓުގެ ހިދުމަތާއި ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓް ކުރާ ބަލި މީހުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމެވެ.