އިމާދު ލަތީފު
ޗާގޯސިއަނުންނޭ ކިޔަނީ މީލާދީން 1790 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރާ ހަމަޔަށް އެންމެ 181 އަހަރު ވަންދެން ޗާގޯސްގެ ރަށްތަކުގައި ދިރިއުޅުނު މީހުންނަށެވެ. ޗާގޯސިއަނުންގެ އެންމެ ގިނަ ބަޔަކު ދިރިއުޅުނީ ދިވެހީން ފޯޅަވައްސޭ ކިޔާ ރަށުގައެވެ. އެއީ ޗާގޯސްގެ ފަސްދޮޅަސް ރަށުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. ޗާގޯސިއަނުން ފޯޅަވަހީގައި ދިރިއުޅެންފެށީ ދިވެހިރާއްޖޭގައި ސުލްތާން ހަސަން ނޫރައްދީނު އެއްވަނަ ރަސްކަން ކުރެއްވިއިރުގައެވެ. ފޯޅަވަހީގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ނިޔަތުގައި އިނގިރޭސިންނާއި އެމެރިކާގެ ރޭވުމެއްގެ ދަށުން ފޯޅަވަހިން މީހުން ހުސްކުރުމުގެ ހަރަކާތްތަކެއް ފެށީ 1967 ގައެވެ. ނިންމައިލީ 1971 ގައެވެ. އެ މަސައްކަތް ފެށިއިރު ރާއްޖޭގެ ރަސްކަމުގައި އިންނަވާނީ ސުލްތާން މުހައްމަދު ފަރީދު އެއްވަނައެވެ.
ޗާގޯސްގެ އެއްވެސް ރަށެއްގައި މީލާދީން 1790 ވަނަ އަހަރުގެ ކުރިން ޗާގޯސިއަނުން އުޅެފައެއް ނުވެއެވެ. އަދި އެހެންބަޔަކު އުޅުނުކަމެއްވެސް އެނގޭކަށް ނެތެވެ. ވިލާތުގެ ފަރަންޖީންގެ ތެރެއިން ޗާގޯސްއަށް އެންމެ ފުރަތަމަ ދިޔަ މީހަކީ ޕޯޗުގީޒް ސައްޔާހެއް ކަމަށްވާ މަސްކަރެންހާސްއެވެ. ޗާގޯސް ހޯދި މީހަކީ މީނާކަމަށް ތާރީޚު ލިޔާ ބައެއް މީހުން ބަޔާންކުރެއެވެ. އެހައިތަނަށް ޗާގޯސްއާބެހޭ ރިފަރެންސެއް ދެވޭނެ އެއްވެސް ލިޔުމެއް އެއްވެސް ތާކުން އެމީހުންނަށް ނުފެނުނީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ޗާގޯސްގެ ރަށްތަކަށް މިމީހަކު ޒިޔާރަތް ކުރިކަމަށް އެނގިފައިވަނީ މީލާދީން 1513 ވަނަ އަހަރުއެވެ. އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވީ ހިލާލީ ދަރިކޮޅުގެ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނެވެ. އެރަދުންގެ ރަސްކަމުގެ އެންމެ ކުރީކޮޅެވެ.
މަސްކަރެންހާސްގެ މި ޒިޔާރަތަށް ގާތްގަނޑަކަށް 48 އަހަރު ފަހުން ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަދަރިކަލުން ސުލްތާން ހަސަން ނުވަވަނަ ޕޯޗުގީޒުންގެ ރާޖާއަށް ފޮނުއްވި ފަތްކޮޅެއްގައި ޗާގޯސްގެ ވާހަކަ ހިމަނުއްވާފައިވެއެވެ. އެހެންވީމާ އެއޮތީ ޗާގޯސްއާބެހޭ ދެވަނަ ރިފަރެންސެވެ. ސުލްތާން ހަސަން ނުވަވަނަޔަށް ދިވެހީން އާއްމުގޮތެއްގައި ކިޔަނީ ހިލާލީ ނުވަވަނަ ހަސަން ރަސްގެފާނެވެ. ޕޯޗުގީޒް އަންހެނަކާ ކައިވެނި ކުރެއްވުމަށްޓަކައި ރާއްޖެ ދޫކުރައްވައި ގޯވާއަށް ވަޑައިގެން ދީންވެސް ބަދަލުކުރެއްވި ރަސްކަލަކީ މިރަސްގެފާނެވެ. ޕޯޗުގީޒް ރާޖާއަށް މި ރަސްގެފާނު ފަތްކޮޅެއް ފޮނުއްވީ މީލާދީން 1561 ގައެވެ. އެއީ މީގެ ބަރާބަރު 461 އަހަރު ކުރިއެވެ. މިފަތްކޮޅަކީ އެރަދުންގެ ރަސްކަމުގެ ބޮޑުމިނާއި ފުޅާމިން ބަޔާންކޮށްދެއްވުން ހިމެނޭ ފަތްކޮޅެކެވެ.
ހިލާލީ ނުވަވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅުގައި އެރަދުން ލިޔުއްވާފައިވަނީ މިހެންނެވެ. ތިމަންނާޔަކީ ދިވެހިރާއްޖޭގެ ރަށްތަކާއި ސުއާދޫގެ ތިން ޕަޓަނާޔާއި ޕުއްލޮބޭގެ ހަތް ރަށުގެ ވެރި ރަސްގެފާނެވެ. ސުއާދޫގެ ތިން ޕަޓަނާއޭ ވިދާޅުވެ އެ އިޝާރާތް ކުރައްވަނީ ހުވަދުއަތޮޅާއި ފުއައްމުލަކާއި އައްޑުއަތޮޅަށެވެ. ޕުއްލޮބޭއޭ އެވިދާޅުވަނީ ފޯޅަވައްސަށެވެ. މި ފަތްކޮޅުން ޔަގީންވާ އެއްޗަކީ އެޒަމާނުގައި ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމެވެ. އެއީ ދިވެހި ރަސްކަމުގެ ފަރާތުން ޒަމާނުއްސުރެ ބަލައިގެންފައިވާ ގޮތެވެ. ހިލާލީ ރަސްކަމުގެ ޒަމާނާއި އުތީމު ޚާންދާނުގެ ރަސްކަމުގެ ޒަމާނުގައި ފޯޅަވައްސަށް ރަސްމީގޮތުން ގުރާބުތައް ފޮނުވަމުން އައިސްފައިވާކަން ކަލާފާނުގެ ރަސްކަމުގެ ތެރޭގައި ރާއްޖެއަށް އައި ފަރަންސޭސި ސައްޔާހު ޕިރާޑުގެ ލިޔުންތަކުން ސާފުވެއެވެ.
ޕިރާޑު މިއެއްޗެއް ލިޔުނީ އަމިއްލަޔަށް ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކުގެ މައްޗަށް ރިއާޔަތްކޮށްފައެވެ. ފޯޅަވައްސަށްދާން ދިވެހީން ދަތުރުހެދި މަންޒަރު ފެނިގެންނެވެ. ކުރީންވެސް ދެންނެވި ފަދައިން އޭނާ ރާއްޖެއައީ ކަލާފާނުގެ ރަސްކަމުގެ ތެރޭގައެވެ. ކަލާފާނު ރަސްކަން ކުރެއްވީ މީލާދީން 1585 ވަނަ އަހަރުން ފެށިގެން 1609 ވަނަ އަހަރާ ހަމައަށެވެ. މިދައްކަނީ ޗާގޯސިއަނުންނޭ ކިޔާ ބަޔަކު ފޯޅަވައްސާއި ޗާގޯސްގެ އެހެނިހެން ރަށްތަކަށް ދިއުމުގެ ދުއިސައްތަ އެތައް އަހަރެއް ކުރީގެ ވާހަކައެވެ. އެހާކުރީގައިވެސް "ޕުއްލޮބޭ" ނުވަތަ ފެހެންދީބުގެ ހަތް ރަށާއި ދިވެހިން އައީ މުއާމަލާތު ކުރަމުންނެވެ. ތާރީޚު ދަންނަ ބަޔަކަށް މިއީ ދޮގުކުރެވޭނޭ ވާހަކަތަކެއް ނޫނެވެ. އެއަށްވުރެ ސައުފުކޮށް އެނގޭންހުރި ވާހަކަތަކެވެ.
ޗާގޯސްގެ މައްޗަށް ފަރަންސޭސީންގެ ހުކޫމަތު ފެށިފައިވަނީ މީލާދީން 1790 ގެ ތެރޭގައެވެ. އިނގިރޭސީންގެ ހުކޫމަތު ފެށުނީ މީލާދީން 1814 ވަނަ އަހަރުއެވެ. މޮރިޝަސްއިން ދައުވާކުރަން ފެށީ 1968 ވަނަ އަހަރުން ފެށިގެންނެވެ. މިދެންނެވި ތާރީޚުތަކަށްވުރެ މާކުރިން ދިވެހިރާއްޖޭގެ ރަސްކަލަކު ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮތީ ކޮންފަރާތަކަށްކަން ބަޔާން ކުރައްވައިފައެވެ. އެއް ރަސްކަލަކު އަނެއް ރަސްކަލަކަށް ފޮނުއްވާ ފަތްކޮޅަކަށްވުރެ ވަކިން ރަސްމީ އެހެން ލިޔުމެއް އެދުވަސްވަރު ނުވެސް ހުންނާނެއެވެ. މީގެ ދުއިސައްތަ އަހަރު ކުރިން ރުކަށް އެރުމަށާއި ދަނޑުވެރިކަން ކުރުމަށާއި އަދި ލެޕްރަސީބަލި ކަހަލަ ބޮޑެތި ބަލިޖެހޭ މީހުން އެކަހެރި ކުރުމަށް ފަރަންސޭސިންނާއި އިނގިރޭސިން ޗާގޯސްއަށް ގެންދިޔަ ބައެއްގެ ކުލައިން ޗާގޯސްގެ މުޅި ތާރީޚު ފަވައިލުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ.