ޚަބަރު

އުރީދޫގެ ''އެވީ'': ދިވެހި ފުރަތަމަ ވާޗުއަލް އެސިސްޓަންޓް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ދިވެހި ބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓަންޓެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

"އެވީ"ގެ ނަން ދީފައިވާ އުރީދޫ ޑިޖިޓަލް ކެއާ އެސިސްޓަންޓް ތައާރަފުކޮށްދެއްވީ މިއަދު މޭންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

ދިވެހި ރަތް ލިބާހުގައި ހުންނަ އަންހެން ކެރެކްޓާ, "އެވީ" މެދުވެރިކޮށް, އުރީދޫގެ އެޖެންޓަކާ ވާހަކަދެއްކުމަށް, ކަސްޓަމާ ކެއާ ހޮޓްލައިން ނަންބަރު 929 ގުޅައިގެން ލައިންގައި މަޑުކުރުމުގެ ބަދަލުގައި ޑޭޓާ, ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރާއި ބިލުތަކާ ބެހޭ މައުލޫމާތު ދިވެހި ބަހުން ހޯދޭނެއެވެ.

މި ހަފުލާގައި އުރީދޫން ވަނީ ހާއްސަ ތާނަ ފޮންޓެއްވެސް ތައާރަފުކޮށްފަ އެވެ. އެ ފޮންޓު ތައާރަފުކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ރާއްޖޭގައި އާންމުކޮށް މިހާރު ބޭނުންކުރަމުން އަންނަ ގިނަ ތާނަ ފޮންޓު އަމިއްލައަށް ފަރުމާކޮށް ހިލޭ އާންމުންނަށް ގެނެސްދޭ ހުސެއިން ނިޔާޒު ފަރުމާކުރި އުރީދޫގެ ފޮންޓުގެ ހަތަރު ސްޓައިލެއް ހިމެނެއެވެ. އެއީ ލައިޓް, ރެގިއުލާ, ބޯލްޑް އަދި އެކްސްޓްރާ ބޯލްޑެވެ.

މި ފޮންޓުތައް އުރީދޫ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.