ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތުކުރާ، ފައިސާ ބޭނުންކުރި ކަމަށް ބުނެ އޭނާގެ އަނބިމީހާ، ގދ. ތިނަދޫ ލަކީލާސްޓް، ރާމިޒާ އަލީގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލަން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމައެވެ.
ރާމިޒާގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު، އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުމުން، އޭގެން މަންފާ ހޯދާފައިވާތީ އެވެ.
މިއީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތުގައި އުފުލި ފުރަތަމަ ދައުވާއެވެ. މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބަހައްޓައިފި ނަމަ އަދި، އެއިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިންގެ އަމަލެއްކަމުގައި ބެލެވޭނެއެވެ.
ރާމިޒާގެ މަައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލަ ސާބިތުކުރެވޭ ހެކި ނެތުމުން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ރާމިޒާ އެ ދައުވާ ރާމިޒާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
ކޯޓުގައި މި ދައުވާ ރާމިޒާގެ މައްޗަށް އުފުލި ދުވަހު، ދައުލަތުން ބުނެފައި ވަނީ ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510 ރުފިޔާ އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170 ރުފިޔާ އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370 ރުފިޔާ ޖަމާކޮށްފައި ވަނިކޮށް، އެ އެކައުންޓުތަކުގައިވާ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ފުލުހުން ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000 ރުފިޔާ އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން 1.5 މިލިޔަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.