ޚަބަރު

ކޮރަލް ބޮލެވާޑްގެ މަސައްކަތްތަކަށް ބަންދުކުރި ބޮޑުތަކުރުފާނުމަގު ރަސްފަންނު ސަރަހައްދު ހުޅުވާލައިފި

ކޮރަލް ބޮލެވާޑްގެ މަސައްކަތްތަކަށް ބަންދުކޮށްފައިިވާ ބޮޑުތަކުރުފާނުމަގު ރަސްފަންނު ސަރަހައްދު އާއްމުކޮށް ހުޅުވާލައިފިއެވެ.

ތާޖުއްދީން ސްކޫލްގެ ފުރަގަހުގައި، އިމާރާތް ކުރުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމި ކޮރަލް ބޮލެވާޑް މަޝްރޫއުގެ ފްލެޓްތައް އިމާރާތް ކުރަން ބަންދުކުރި އެ މަގު އާއްމުކޮށް ހުޅުވާލާފައިވާކަމަށް ހައުސިން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮންނަ ސަރަހައްދުގައި އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް، ޓިނު ޖަހައި، ބަންދުކޮށް ގިނަ ދުވަސްތަކެއް ވެފައިވާތީ އާއްމުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

ކުރީގެ ސަރުކާރުން ކޮރަލް ބޮލެވާޑް ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ، ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހެދި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނާއެވެ.

އަށާވީސް ބުރީގެ ހަތަރު ޓަވަރު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި މަތީ ފެންވަރުގެ 350 އެޕާޓްމަންޓްގެ އިތުރުން ފިހާރަ ތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހިމެނެއެވެ.

ކޮރަލް ބޮލެވާޑްގެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރަން މިހާރުގެ ސަރުކާރުން ނިންމައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް ވެސް ހައުސިން މިނިސްޓްރީން އެދުނެވެ. ނަމަވެސް އެކަމަށް އަދި ވަކިގޮތެއް ހަމަޖެހިފައެއްްނުވެއެވެ.