ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މަޖިލީހަށް އިންތިހާބުކުރަންވާނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރާ މީހުން: މައުމޫން

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބު ކުރަންވާނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރާ މީހުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވައި އެމްއާރުއެމްގެ އިސް ބޭފުޅެއްކަމަށްވާ އާމިނަތު ނާދިރާގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަންވާނީ ވާހަކަ ދެއްކޭ، އަދި ދޫހެލޭ ބޭފުޅުން ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނީވެސް ދޫ ހެލޭ ބޭފުޅުންނަށް ކަމަށާއި ރައްޔިތުންގެ ތާއީދު ލިބޭނީވެސް ބަސްމޮށުންތެރިކަން ހުރި ވާހަކަ ދެއްކުންތެރިންނަށެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ކަންކަން ނިންމައި ރައްޔިތުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އުފުލާ މަޖިލީހެއްކަން ފާހަގަކުރެއްވިއެވެ.

''އަޅުގަނޑު ބޭނުންވަނީ ކުރިއަށް އޮތް މަޖިލީހަކީ ގާނޫނުތަކާއި މަސްއޫލިއްޔަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރާ، ވާޖިބުތައް އަދާކުރާ މަޖިލީހަކަށް ވާން. އެ މަޖިލީހުގެ މެންބަރުންނަކީ ތެދުވެރި ބަޔަކަށްވާން. އެބޭފުޅުންގެ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރައްވާ ބޭފުޅުންނަށްވާން. އެބޭފުޅުންވާނީ ހުރިހާ ކަމެއްގައިވެސް ރައްޔިތުންނަށް ހިދުމަތްކުރާ ބަޔަކަށްވާން.'' ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މައުމޫން ވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަން ނިންމާފައިވާ އެމްއާރުއެމްގެ ސިޔާސަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ދާދި އަވަހަށް އެމްއާރުއެމް ރަޖިސްޓްރީވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދި ނަމަވެސް ފިކުރަކީ އެއް ފިކުރެއް ކަމަށާއި އިސްކުރާނީ ދީނާއި ގައުމު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.