އިބްރާހިމް ޒަކީ
ރާއްޖެއާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލުމުގެ ކަންބޮޑުވުން އޮއްވައި ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމުމާ ގުޅިގެން މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްްބަރު މުހައްމަދު ނާޒިމެވެ.
މި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނާޒިމު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ގަރާރުގައި ވަނީ، ޗާގޮސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލާގައި 2010 އިން ފެށިގެން ރާއްޖެއިން ބޭނުންކުރަމުން އައި ވިސްނުމާއި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބެލެވޭނެ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ ކަމެއް ހިނގާފައިވޭތޯއާއި އެ ސިޔާސަތު ބަދަލުކުރިނަމަ އޭގެ ވަށައިގެންވާ ސަބަބުތަކާއި އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީން ކުރުމަށާއި އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށް ދިނުމަށް ގޮވާލާފައިވެއެވެ.
ނާޒިމްގެ ގަރާރުގައި ވަނީ، ޗާގޮސް މައްސަލާގައި މީގެ ކުރިން ސަރުކާރުން އިހުތިޔާރުކުރި ސިޔާސަތު ބަދަލުކުރުމުގައި ވަށައިގެންވާ ސަބަބުތައް ދެނެގަނެ، މި މައްސަލައިގެ ތެރެއަށް ފައިސާއާއި ނުފޫޒު ނުވަންނަކަން ކަށަވަރުކުރުމުގެ އިތުރުން އެ ސިޔާސަތު ބަދަލުކޮށްފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކޮށް، އޭގެ ސަބަބުން ރާާއްޖެއަށްވާނެ ގެއްލުމާއި ފައިސާ ވަޒަންކޮށް އެކަން ރައްޔިތުންނަށް އަންގައިދިނުމަށް ގޮވާލާ ކަމަށެވެ.