ތ. ގުރައިދޫ ސިނާއީ ސަރަހައްދު، ކަންޑަރުގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ ޝާހު އަލަމް މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ބަބުލް މިއާއަށް އަމިއްލައަށް ވަކީލަކު ހަމަޖައްސަން ދިހަ ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
މެއި 21، 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޝާހް އަލަމް މަރާލި މައްސަލާގައި ބަބުލް މިއާއަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ.
އެ މައްސަލާގައި މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުން ފެށުމުގެ ކުރިން އެއްވެސް ކަމެއް ފާހަގަކުރަން އޮތްތޯ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ފާއިޒް ރަޝާދު، ބަބުލް މިއާ ކައިރިން އެހުމުން އޭނާ ވަނީ ދައުލަތުގެ ވަކީލާއެކު ކުރިއަށްދާން ބޭނުންނުވާ ކަމަށާއި އަމިއްލައަށް ވަކީލަކު ހަމަޖައްސަން 15 ދުވަސް ދިނުމަށް އެދިފައެވެ.
އެހެންވެ އެކަމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ، ގާޒީ ފާއިޒް ވަނީ ވަކީލަކު ހަމަޖައްސަން ބަބުލް މިއާއަށް 10 ދުވަސް ދީފައެވެ.
މި މައްސަލާގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކީންގެ ހެކިބަސް ނެގުމެވެ. އެންމެ ހެއްކެއް ފިޔަވައި އެހެން ހެކިވެރީންގެ ހެކިބަސް މިހާރު ވަނީ ނަގައިފައެވެ. ގާޒީ ވިދާޅުވެފައިވާ ގޮތުގައި ކޯޓުން މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި މި މައްސަލާގައި ހުކުމް ކުރެއްވުމަށެވެ.
ޝާހުގެ ބުރަކައްޓަށާއި އަރިކައްޓަށާއި ކަރުގެ ކަނާއަތް ފަރާތަށް ވަޅިން ފުން ޒަހަމްތަކެއް ދީފައިވެއެވެ.