ނ. ވެލިދޫ ހެލްތު ސެންޓަރާއި ޅ. ހިންނަވަރު ހެލްތު ސެންޓަރު ހޮސްޕިޓަލު ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ވެލިދޫ އާއި ހިންނަވަރުން ދެވޭ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެތަންތަން ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
އެގޮތުން އެ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ފެއްޓުމައްޓަކައި ހަދަން ޖެހޭ އިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި ޓެންޑާ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށް މިމަހުގެ ފަސްވަނަ ދުވަހު އިއުލާންކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލާއި ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލާއި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުގައި އަޅާ އާ އިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި ޓެންޑާ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށް ވެސް މިމަހުގެ ފަސްވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
އަދި އަލަށް އަޅާ ހޮސްޕިޓަލް ތަކާއި އިތުރަށް ތަރައްގީ ކުރާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި، އެތަންތަނާ އެކަށީގެންވާ ވަރަށް ޕްރައިވެޓް ރޫމްތައް އެޅުމަށް ވެސް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން ވެލިދޫ، ހިންނަވަރު، ކުޑަހުވަދޫ، މަނަދޫ އަދި އޭދަފުށީގައި ޕްރައިވެޓް ރޫމް އެޅިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.