މުހައްމަދު އައުޒަމް
އިމަޖެންސީގައި، 45 ފަސިންޖަރުންނާއެކު ފްލައިޓު ޖެއްސި ކުޅަދާނަ ކުރޫއިންނަށް އެތައްބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ކާޑެއްދޫއަށް ޓްރާންސިޓް ކުރުމަށްފަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަންދިޔަ މޯލްޑިވިއަން ފްލައިޓު Q2 118 ލޭންޑިންގ ގިޔަރ އަށް ދިމާވި މައްސަލައަކާއި ގުޅިގެން ފްލައިޓްވަނީ އެއްގަޑިއިރާއި ވިހި މިނެޓު ގަން އެއާޕޯޓް މަތީގައި އެނބުރިފައެވެ.
އިމަޖެންސީ ހާލަތެއްމެދުވެރިވުމުން އަމަލުކުރަންޖެހޭ ގަވާއިދާއިއެއްގޮތަށް ގަން އެއާޕޯޓުގައި ފްލައިޓު ޖައްސާފައިވަނީ ރައްކާތެރިކަމާއެކުގައެވެ. ފްލައިޓު އިމަޖެންސީގައި ޖެއްސިއިރު ގަން އެއާޕޯޓު ވަނީ ކުއްލިހާލަތަށް ގެނެސްފައެވެ.
Q2 118 ގެ ކެޕްޓަނަކަށް ހުރީ އަބްދުލް ބާސިތު އިބްރާހިމް އެވެ. ފަސްޓް އޮފިސަރަކަށް ހުރީ ރިމާހް ރުޝްދީއެވެ. ފްލައިޓުގެ އިންފްލައިޓް ސުޕަވައިޒަރަކަށްހުރީ ހަސްނާ މުހަންމަދެވެ.
ރައްކާތެރިކަމައެކު ފްލައިޓު ލޭންޑުކުރުމުން މޯލްޑިވިއަން އިންވަނީ ފްލައިޓުގެ ކްރޫގެ ފޮޓޯއަކާއިއެކު ތައުރީފުގެ ޓްވީޓްއެއް ކޮށްފައެވެ.
44 މީހުންނާއި ކުޑަކުއްޖެއް ދަތުރުކުރި މިފްލައިޓު ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލުވުމުން އެތައްބަޔަކު ދަނީ މީސްމީޑިއަގައި ފްލައިޓުގެ ކްރޫއިންނަށް ތައުރީފު ކުރަމުންނެވެ. ކުރޫއިންގެ ޕްރޮފިޝަނަލް މަސައްކަތުން ފްލައިޓު ރައްކާތެރިކަމާއެކު ލޭންޑުކުރި ވީޑިއޯވެސް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.