މުހައްމަދު ޖަމްޝަތް ވަހީދު
ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
އެއްޖިންސުން ގުޅުން ހިންގި ވީޑއޯތަކެއް ރެކޯޑުކޮށް އެ ތަކެތި ބޭނުންކޮށްގެން އެކި މީހުން ބްލެކްމެއިލް ކުރި މައްސަލާގައި މިދިޔަ މަހުގެ މެދު ތެރޭ ޖުމުލަ ފަސް މީހަކު ހައްޔަރުކުރިއެވެ.
ނަމަވެސް އޭގެ ތެރެއިން ތިން މީހަކު ކޯޓުން ދޫކޮށްލާފައިވާއިރު ބަންދުގައި މިހާރު ތިބީ، ގިނަ އަދަދެއްގެ ފިރިހެނުންނާ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރު "ބޮސް"ގެ ނަމުން މުހާތަބުކުރާ ބ. ދަރަވަންދޫ/ އަކިރި، ހަމްދޫން އަބްދުﷲ އާއި އެ ރަށު ހީމަ/ މުހައްމަދު މިހާދު މުސްތޮފާއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ވަން' އަށް މިދައު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ހަމްދޫންގެ ބަންދަށް 15 ދުވަސް އަދި މިހާދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ. މިއީ މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.
އޮފިޝަލް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުވާން ފެށީ މިިދިޔަ ޖޫން މަހުގެ މެދުތެރޭގައެވެ. އެ މައްސަލާގައި މިހާތަނަށް ތިން މީހަކަށް ހުކުމް ކޮށްފައިވެއެވެ.
އެގޮތުން އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާއި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ސާބިތުވެ، އޭނާ ދަނީ ތިން އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެ މައްސަލާގައި ދެން ހުކުމް ކޮށްފައިވަނީ ރައްުޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރުގެ މައްޗަށެވެ. އޭނާއަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ތިން މަހާއި 26 ދުވަހު ގޭބަންދު ކުރުމުގެ އަމުރެކެވެ.
އެ މައްސަލާގައި ހުކުމް ކުރި ތިންވަނަ މީހަކީ ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ. އޭނާގެ މައްޗަށް ކޯޓުން ހުކުމްކުރީ އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަަލަށް ލުމަށެވެ.