ޝަހީދާ އަބްދުﷲ ސައީދު
''ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް''ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފައްދަވައިފިއެވެ.
މިކުންފުންޏަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެކަމަށް ހާއްސަކޮށްފައިވާ ކުންފުންޏެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.
އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އަދި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި ކުންފުނީގެ ދަށުންކަމަށް ވެސް ބުނެފައިވެއެވެ.