ރަސްގެފާނު ޗާލްސް ތިނެއް

ބަކިންހަމް ޕެލަސްގައި ނޫޅުއްވުމަށް ރަސްގެފާނު ޗާލްސް ވަނީ ނިންމަވާފައި!

އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީގޮތުން ބަކިންހަމް ޕެލަސްގައި ނޫޅުއްވުމަށް ނިންމަވާފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފިއެވެ. ލަންޑަނުގައި ހުންނަ ބަކިންހަމް ޕެލަސްއަކީ ޗާލްސްގެ މައިކަނބަލުން ރާނީ އެލިޒަބަތުގެ ރަސްމީ ގަނޑުވަރެވެ. އެކަމަނާގެ ދިގު ރަނިކަމުގައި އެންމެ ގިނައިން ހުންނެވީ އެތާގައެވެ.

ރަސްކަމަށް އިސްވެވަޑައިގެންނެވިފަހުންވެސް ޗާލްސްއާއި ކުއީން ކޮންސޯރޓް ކެމީލާ އަދިވެސް އުޅުއްވަނީ މައިގަނޑުގޮތެއްގައި ކްލަރެންސް ހައުސްގައެވެ. އެއީ 2003 ވަނަ އަހަރުން ފެށިގެން ޗާލްސް ހުންނަވާ ގަނޑުވަރެވެ. ސަންޑޭ ޓައިމްސް ނޫސް ބުނާގޮތުން ބަކިންހަމް ޕެލަސްއަކީ ޚަރަދުބޮޑު އަދި ޒަމާނާވެސް ނުގުޅޭ ތަނަކަށްވާތީ އެތަނަށް ބަދަލުވެވަޑައިގަތުމުގެ ވިސްނުންފުޅެއް ޗާލްސް ނުގެންގުޅުއްވައެވެ.

އެ ނޫސް ބުނާގޮތުގައި ޗާލްސްއާއި ކެމީލާ ކޮންމެ ހަފުތާއެއްގައިވެސް ތިންދުވަހު ތިއްބަވާނީ ކްލަރެންސް ހައުސްގައެވެ. ވިންސާރ ކިއްލާގައި ދެދުވަހެވެ. އަދި ކޮންމެ އާދީއްތަދުވަހެއް ސެންޑްރިންހަމް ހައުސްގައެވެ. މި ތިން ތަނަށް ޗާލްސް ބަދަލުވެވަޑައިގަންނަވާއިރު އެއްވެސް ދުވަހެއް ބަކިންހަމް ޕެލަސްއަކަށް ނެތެވެ. މަންމާފުޅު އެހާ ޚާއްސަކަމެއް ދެއްވި ގަނޑުވަރާމެދު ޗާލްސްގެ އެއްވެސް ޝައުގެއް ނެތެވެ.

ރާނީ އެލިޒަބަތު އަވަހާރަވީއިރުވެސް ބަކިންހަމް ޕެލަސް ދިޔައީ މަރާމާތު ކުރަމުންނެވެ. މިއީ ޖުމްލަ 369 މިލިޔަން ޕައުންޑް ޚަރަދުކޮށްގެން ކުރާ ވަރަށް ބޮޑު މަރާމާތެކެވެ. މިމަސައްކަތް ނިމޭނީ 2027 ގައެވެ. އޭގެފަހުންވެސް އެތަނަށް ބަދަލުވެވަޑައިގަތުމުގެ ވިސްނުންފުޅެއް ރަސްގެފާނު ޗާލްސް ނުގެންގުޅުއްވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ބައެއްކަހަލަ ރަސްމީ އިހުތިފާލުތައް އެތަނުގައި ކުރިއަށް ގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.