ސަރުކާރުގެ އިދާރާތަކުގައި އުޅޭ އެންމެންނަކީ ވެސް ފަތަން ދަސްކޮށްފައި ތިބި ބަޔަކަށް ހެދުމަށް ލާޒިމް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ މޫދު ކުޅިވަރު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" މިއަދު ފައްޓަވައިދެއްވައި، މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުޅުމަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ ވަށައިގެންވާ ހިތްގައިމު މޫދު ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މޫދު ކުޅިވަރަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށާއި ރާއްޖޭގެ ރީތިކަން އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ފޯރުވުމަށް އެންމެ މުހިއްމު އެއް ވަސީލަތް ކަމަށެވެ. އަދި އެ ކަމަށްޓަކައި ރާއްޖޭގެ ކޮންމެ މީހަކީ ވެސް ފަތަން ދަސްކުރަން ޖެހޭ މީހެއް ކަމަށް ވިދާޅުވިއެވެ.
"ދިވެހި ކޮންމެ ރައްޔިތަކީ ވެސް ފަތަން ދަންނަ މީހަކަށް ވާންޖެހޭ, އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކީވެސް އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވެސް މޫދާއި ގުޅި ލާމެހިފައިވާ ބައެއް. އަޅުގަނޑަށް ފުރަތަމަ ފަތަން ދަސްވީ ގެނބުނީމަ.'' އަލީ ވަހީދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ކޮންވެންޝަންގައި މޫދު ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ މެދު ސަރުކާރާއެކު މަޝްވަރާކުރާނެ އެވެ.