ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު އައްޔަންކޮށްފިއެވެ.
އެންޑީއޭއަށް ސީއީއޯއަކު އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަބީބު 16 މެއި 2021 ގައި މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
އެންޑީއޭއިން މިއަދު ބުނީ މީގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އިއުލާނުކުރުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ މަގާމުގެ ޝަރުތުތައް އިސްލާހުކޮށްފައިވާ ކަމަށެވެ. އެގޮތުން ޕޭ ކޮމިޝަން މެދުވެރިކޮށް އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެންޑީއޭއިން ބުންޏެވެ.
އިމާދު އެ މަގާމާ ހަވާލުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް އެންޑީއޭއިން މިއަދު ބުންޏެވެ.
އިމާދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.
އިމާދަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ އާއި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވާސިޓީ އޮފް ނޮޓިމްހަމް އިން މާސްޓާ އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓު ހާސިލުކުރައްވައި، ހިންގުމުގެ ދާއިރާއިން ދިގު މުއްދަތަކަށް މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.