ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯޓު ކަރުދާހުގައި ކުރެހުމުން ވޯޓު ބާތިލުވާ އިސްލާހު، ރައީސް ތަސްދީގުކުރައްވައިފި

އަހުމަދު ޖައިޝަން

އިންތިހާބު ތަކުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓް ކަރުދާހުގައި ޖަހަން ޖެހޭ ފާހަގައިގެ އިތުރުން އެހެން އެއްވެސް ކުރެހުމެއް ކުރަހައި، ލިޔެ ހަދައިފިނަމަ އެ ވޯޓެއް ބާތިލުވާ ގޮތަށް ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

އެ އިސްލާހު މިއަދު ތަސްދީގުކުރައްވައި ގެޒެޓުކޮށްފައިވާއިރު އެ އިސްލާހުގައި ބުނެފައިވާ ގޮތުން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި، ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާނަމަ، ނުވަތަ ލިޔުމެއް ލިޔެ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ އެވޯޓެއް ބާތިލު ވާނެ އެވެ.

މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހަޅާފައިވަނީ ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އިސްލާހު ހުށަހަޅާފައިވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވާތީ ކަމަށް އެ އިސްލާހު ހުށަހެޅިއިރު ފާހަގަކޮށްފައިވެއެވެ.