ލަކްޝަދްވީޕަކީ ދިވެހިރާއްޖޭގެ އުތުރުން، އިންޑިޔާގެ މައިކަރައިގެ ހުޅަނގުން "އަރަބި ކަނޑު" ގައި އޮންނަ، އެޤައުމުގެ ޔޫނިއަން ޓެރިޓަރީއެކެވެ. އެެއީ ދިވެހިރާއްޖެއާއި ފޯޅަވަހީގެ އަތޮޅުތައް ހިމެނޭ "މޯލްޑިވް ރިޖް" ނުވަތަ "ލެކެޑިވް-ޗާގޯސް ރިޖް" އޭ ކިޔުުނު ކަނޑުއަޑީގެ ކުންނުފަތީގައި ހުރި އަތޮޅުތަކުގެ ތެރެއިން އެންމެ އުތުރަށް ހުރި އަތޮޅުތަކެވެ. މި އަތޮޅުތަކަކީ ދިވެހިރާއްޖޭގެ އުތުރުން 70 މޭލުން ފެށިގެން އުތުރަށް 20000 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ އަތޮޅުތަކެކެވެ. އިހުގައި ދިވެހިރާއްޖޭގެ ރަށެއް ކަމުގައިވާ މަލިކަކީވެސް ލަކްޝަދްވީޕްގެ ރަށެކެވެ. ދިވެހިރާއްޖެއާ އެންމެ ކައިރީގައި އޮންނަ ލަކްޝަދްވީޕްގެ ރަށަކީ ވެސް މަލިކެވެ. މަލިކު މީހުން ލަކްޝަދްވީޕަށް ކިޔަނީ ލަކްޝަދީބެވެ.
މަލިކާއެކު ލަކްޝަދްވީޕްގައި 12 އަތޮޅު އޮވެއެވެ. އޭގެ އިތުރުން ވަކިން އޮންނަ ތިން ފަރަކާއި ފަސް ތިލައެއް އޮވެއެވެ. ދިވެހިރާއްޖޭގެ އަތޮޅުތަކާ ޚިލާފަށް ލަކްޝަދްވީޕްގެ އަތޮޅުތަކަކީ ވަރަށް ކުދިކުދި އަތޮޅުތަކެކެވެ. އެ އަތޮޅުތައް ވައްތަރީ ދިވެހިރާއްޖޭގެ ބޮޑެތި އަތޮޅުތަކުގެ ތެރޭގައި ހުންނަ ފަރުތަކާއެވެ. މިސާލަކަށް ދަންނަވަނީ ނަމަ އޮންނަނީ ކެލާ، ދައްޕަރު، މާފަރު އެ އޮންނަ ކަހަލަ ގޮތަކަށެވެ. އަދި އެއިން އަތޮޅެއްގެ ތެރޭގައި މާގިނަ ރަށްތަކެއް ވެސް ނުހުރެއެވެ. އަތޮޅުތަކާއި ފަރުތަކުގެ އެތެރޭވަރީގައި ހުރީ ޖުމްލަ 4200 އަކަ ކިލޯމީޓަރެވެ. މުޅި ލަކްޝްދްވީޕްގައި އޮތީ ޖުމުލަ 39 ރަށެވެ. އެއީ މީހުން އުޅޭ 10 ރަށާއެކުގައެވެ. މީހުން އުޅޭ 10 ރަށް ފިޔަވައި ދެން ހުރީ ޢާއްމުކޮށް ވަރަށް ކުދި ކުދި ރަށްތަކެކެވެ. ލަކްޝަދްވީޕްގެ ހިކިފަސްބިމުގެ ބޮޑުމިނަކީ 32 އަކަ ކިލޯމީޓަރެވެ. އެހެންނަމަވެސް ލަކްޝަދްވީޕްގެ އަތޮޅުތައް ފެތުރިފައި ހުރީ ތަންކޮޅެއް ދުރުދުރުގައި ކަމަށްވާތީ ސަރަހައްދީ ފެނުގެ ބޮޑުމިން 20000 އަކަ ކިލޯމީޓަރަށް އަރައެވެ. އަދި ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ބޮޑުމިން 400000 އަކަ ކިލޯ މީޓަރަށް އަރައެވެ.
ތާރީޚުގެ ތެރެއިން އެއްވެސް ޒަމާނެއްގައި ލަކްޝަދްވީޕަކީ ގައުމެއްގެ ގޮތުގައި އަމިއްލަ ވެރިކަމެއް ހިންގާފައިވާ އޮތް ކަން އެނގޭ ތަނެއް ނޫނެވެ. މަލިކު ފިޔަވައި އެތަނުގައި ދިރިއުޅޭ މީހުންގެ ނަސްލާއި، ވާހަކަދައްކާ ބަހުރުވައާއި، ސަގާފަތް ގުޅެނީ މައިކަރައިން އެތަނާ އެންމެ ކައިރީގައި އޮންނަ މަލާބާރު ސަރަހައްދާއެވެ. މަލިކަކީ މީލާދީން 1752 ވަނަ އަހަރާ ޖެހޭންދެން ދިވެހިރާއްޖޭގެ ރަށެކެވެ. އޭގެ ކުރިންވެސް، މަލާބާރުގެ ވެރިކަމުގެ ދަށަށް މަލިކު ގޮސްފައިވެއެވެ. އެހެންނަމަވެސް އެތަނުގައި ދިރިއުޅޭ މީހުންގެ ނަސްލާއި، ބަހުރުވައާއި، ސަގާފަތް ގުޅެނީ ދިވެހިރާއްޖެއާއެވެ. މުޅި ލަކްޝަދްވީޕްގެ އާބާދީއަކީ މުސްލިމް އާބާދީއެކެވެ. މި ރަށްތަކުގެ ބާރުވެރިކަން ދެކުނު އިންޑިޔާ އެކިއެކި ވެރީންގެ އަތުގައި އޮތުމަށްފަހު އިންޑިޔާ ބަައްރުގެ އެކިއެކި ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުނު އިނގިރޭސީންގެ ދަށަށް މިރަށްތައް ދިޔައެވެ. އިނގިރޭސީންގެ ވެރިކަމުގައި މިރަށްތަކަށް ކިޔަމުން އައި ރަސްމީ ނަމަކީ ލެކެޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސް އެވެ. މިތަނުގައި މިއޮތް މިނިކޯއި އަކީ މަލިކުގެ ނަން ފަސާދަވެގެން އުފެދިފައި އޮތް ނަމެކެވެ. 1947 ގައި ބްރިޓިޝް އިންޑިޔާ ދެ ގައުމެއްގެ ގޮތުގައި މިނިވަންވީއިރު ލެކެޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސް ވީ ޑޮމީނިއަން އޮފް އިންޑިޔާގެ ބަޔަކަށެވެ. އޭރު އެރަށްތައް އޮތީ މަލާބާރު ޑިސްޓްރިކްޓްގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް 1 ނޮވެންބަރު 1956 ގައި އިންޑިޔާގެ ސްޓޭޓްތަކާއި ސަރަހައްދުތައް އަލުން އެތުރިއިރު އެއީ އެއްވެސް ސްޓޭޓަކާ ނުގުޅި އޮންނަ، މުޅީން ވަކި "ޔޫނިއަން ޓެރިޓަރީ" އެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. މި ޔޫނިއަން ޓެރިޓަރީގެ ނަން ލެކެޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސްގެ ނަމުން ލަކްޝަދްވީޕްގެ ނަމަށް ބަދަލުކުރީ 1 ނޮވެންބަރު 1973 ގައެވެ. އޭގެ ކުރީގެ އިނގިރޭސި ލިޔުންތަކުން މި ރަށްތަކަށް ލެކެޑިވް އައިލެންޑްސްއޭވެސް ކިޔާފައި ހުރެއެވެ.
ލަކްޝަދްވީޕް، މި ނަން އުފެދިފައިވަނީ ލަކްޝަ އާއި ދްވީޕް ގުޅުވައިގެންނެވެ. މި ދެ ލަފުޒަކީ ސާންސްކްރިތު ބަހުގެ އަސްލުން އުފެދިފައި އޮތް ދެ ލަފުޒެވެ. ލަކްޝައިގެ މާނައަކީ އެއްލައްކައެވެ. ދްވީޕްގެ މާނައަކީ ޖަޒީރާއެެވެ. އެހެންވީމާ ލަކްޝަދްވީޕްގެ މާނައަކީ އެއްލައްކަ ޖަޒީރާއެވެ. މަލިކު ފިޔަވައި ލަކްޝަދްވީޕްގެ ރަށްތަކުގައި ވާހަކަދައްކާ މަލިޔާޅަމް ނުވަތަ ހޮޅިބަހުގެ ބަހުރުވައިންވެސް ލަކްޝަދްވީޕްގެ މާނައަކީ އެއީއެވެ. އެހެންނަމަވެސް ކުރިން ދެންނެވި ފަދައިން މި ރަށްތަކުގެ ޖުމުލަ ޢަދަދަކީ 39 އެކެވެ. އެހެންވީމާ މި ތަނަށް އެއްލައްކަ ޖަޒީރާއޭ ކިޔުނީ ކޮން ގޮތަކަށްބާއެވެ؟ އެއްލައްކަ ހަމަނުވިކަމުގައި ވިޔަސް ޖަޒީރާތަކުގެ ޢަދަދު ގިނަ ނަމަ ގިނަކަން ބަޔާންކުރަން ލައްކަ ބޭނުންކޮށްފާނެއެވެ. ދިވެހިބަހުގައި ވެސް ގިނަ މާނަކުރަން ލައްކަ ބޭނުންކޮށް އުޅެއެވެ. ނަމަވެސް ލަކްޝްދްވީޕްގެ ރަށްތަކުގެ ޢަދަދަށް ބަލާއިރު މާ ގިނައެކޭ ދެންނެވޭކަށް ނެތެވެ. ދިވެހިރާއްޖެ އަދި ފޯޅަވަހީގެ ރަށްތައްވެސް ލައިގެން ކިޔައިފިނަމަ އެގޮތަށް ކީދާނެއެވެ. އިހުގައި ކިޔާފައިވެސް އެބަހުއްޓެވެ.
މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖޭގައި ލިޔެފައިވާ އިސްދޫ އަދި ދަނބިދޫ ލޯމާފާނުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށްފައި "ލަކްޝްދީޕަ" އޭ ލިޔެފައި އެބައޮތެވެ. މި ދެ ލޯމާފާނުވެސް އިނގިރޭސި އަދި ދިވެހި ބަހަށް ތަރުޖަމާކުރިއިރު އޮތީ އެއްލަކަ ޖަޒީރާގެ ގޮތުގައި ތަރުޖަމާކޮށްފައެވެ. އެއީ ނަމެއް ގޮތަށް ދޭހަވާ ގޮތަކަށް ލިޔެފައެއް ނުވެއެވެ. ކޮންމެއަކަސް ރަށްތަކުގެ ގިނަކަން ބަޔާންކުރުމަށް ނަމަވެސް، އެނަން އެއޮތީ ދިވެހިރާއްޖެއަށް ނިސްބަތްކޮށް ބޭނުންކޮށްފައެވެ. އެވޭލާ ދިވެހި އަކުރުން ލިޔެފައި އޮތް ރަސްމީ ދިވެހި ލިޔުމެއްގައެވެ. ނަމަވެސް އޭގެ ފަހުގެ ޒަމާންތަކުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް އެނަން ބޭނުންކޮށްފައި ހުރީތީ ފެންނާކަށް ނެތެވެ. ޢާއްމު ދިވެހި ނަމަކަށް އޮތީ ދިވެހިރާއްޖެއެވެ. އާދެ، ދިވެހި ނުވަތަ ޖަޒީރާތަކުގެ ރަސްކަމެވެ.
ދިވެހިރާއްޖެ އޮތީ އިންޑިޔާ ކަނޑުގައި، ލަކްޝަދްވީޕްގެ ދެކުނުން، ފޯޅަވަހީގެ ޖަޒީރާތަކާއި ލަކްޝަދްވީޕާ ދެމެދުގައެވެ. ގާތްގަނޑަކަށް 870 ވަރަކަށް ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ދިވެހިރާއްޖެއަކީ "މޯލްޑިވް ރިޖް" ނުވަތަ "ލެކެޑިވް-ޗާގޯސް ރިޖް" އޭ ކިޔުނު ކަނޑުއަޑީގެ ކުންނުފަތީގައި އުފެދިފައިވާ އަތޮޅު ޖަޒީރާތަކުގެ ތެރެއިން ޢަދަދުގެ ގޮތުން އެންމެ ގިނަ އަދި އެންމެ ބޮޑު ތަނެވެ. 26 އަތޮޅު ނުވަތަ ޠަބީޢީ ބައިގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ފަރާއިފަޅުގެ ބޮޑުމިން ލަކްޝްދްވީޕްގެ ފަރާއިފަޅަށް ވުރެ އެތައް ގުނައަކަށް ބޮޑެވެ. ދިވެހިރާއްޖޭގެ ސަރަހައްދީ ފެނުގެ ބޮޑުމިން 41490 އަކަ ކިލޯމީޓަރަށް އަރައެވެ. އަދި ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ބޮޑުމިން 859000 އަކަ ކިލޯމީޓަރަށް އަރައެވެ. ދިވެހިރާއްޖޭގައި އޮތް 1200 ވަރަކަށް ރަށުގެ ތެރެއިން 186 ރަށުގައި މީހުން ދިރިއުޅެވެ. ރަށްތަކުގެ ބިމުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 300 ވަރަކަށް އަކަ ކިލޯމީޓަރު ހުރެއެވެ. އާބާދީގެ ގޮތުންވެސް އެންމެ ބޮޑީ ދިވެހިރާއްޖެއެވެ.
ލަކްޝަދްވީޕާ ޚިލާފަށް ދިވެހިރާއްޖެއަކީ އެންމެ ބޯދާ ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތް ތަނެކެވެ. ތާރީޚުގެ ތެރެއިން މަދު ފަހަރެއްގައި މެނުވީ ދިވެހީންގެ އަމިއްލަ ވެރިކަމަށް ބުރޫއަރާފައެއް ނުވެއެވެ. އިނގިރޭސީން އިންޑިޔާ ބައްރާއި ސިލޯނުގައި ވެރިކަންކުރި އިރުވެސް ދިވެހިރާއްޖޭގައި ވެރިކަން ކުރަމުން އައީ ދިވެހީންނެވެ. ދިވެހި ރަސްރަސްކަލުންނާއި ދިވެހި ވަޒީރުންނެވެ. "ދިވެހިރާއްޖެ" މި ނަމުން ވެސް އެކަން ދޭހަވޭ ނޫންތޯއެވެ. ކުރީން ދެންނެވުނުހެން އޭގެ މާނައަކީ ޖަޒީރާތަކުގެ ރަސްކަމެވެ.
"ލަކްޝަދްވީޕް ސީ" ގެ ގޮތުގައި މިޒަމާނުގެ ޗާޓުތަކުން ފެންނަ ކަނޑަކީ ކަނޑުގެ ޖޯގުރަފީގެ ވަރަށް ފަހުގެ އިޞްޠިލާޙެކެވެ. މި ނަން ބޭނުންކުރަން ފެއްޓުނީ "ލެކެޑިވް ސީ" ގެ ގޮތުގައެވެ. މިއީ އޮންނަ ނަމެއްކަން އަޅުގަނޑަށް އެނގުނީ 1993 ވަނަ އަހަރު އަޅުގަނޑު މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 8 ގައި ކިޔެވި އިރު، ޖޯގްރަފީ އިމްތިޙާނެއްގައި ދިވެހިރާއްޖޭގެ ޗާޓުގައި ލެކެޑިވް ސީ ފާހަގަކުރަން ޖެހުނު ހިސާބުންނެވެ. އޭރުވެސް ދިވެހިރާއްޖޭގެ ޗާޓުގައި ލެކެޑިވް ސީ އޭ ކިޔާ ކަނޑެއް އޮންނަންޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އިމްތިޙާނެއްވީމާ ޗާޓުގެ މަތީ ކަނެއްގައި ވަރަށް ކުޑަކުޑަކޮށް ލެކެޑިވް ސީއޭ ލިޔެ ފާހަގަކުރީމެވެ. ކޮންމެއަކަސް ލެކެޑިވް ސީއެއް ވުޖޫދަށް އައިސް އެނަން ދުނިޔޭގެ ކަނޑުތަކާބެހޭ ޚާއްޞަ މުނައްޒަމާކަމުގައިވާ އިންޓަރނޭޝަނަލް ހައިޑްރޯގްރެފިކް އޯގަނައިޒޭޝަންގެ ލިޔެކިޔުންތަކަށް އެރީ 1953 ގައެވެ. އެ ކަނޑާއި އެކަނޑުގެ ސަރައްހަދު ކަނޑައަޅައި ލިޔުނީ އިންޑިޔާއަށް މިނިވަންކަން ލިބުނު ފަހުން އެ މުނައްޒަމާއިން ނެރުނު "ލިމިޓްސް އޮފް އޯޝަންސް އެންޑް ސީސް" އިޞްދާރުގައެވެ. މިއީ އޭގެ ތިންވަނަ އިޞްދާރެވެ. އިންޑިޔާއަށް މިނިވަންކަން ލިބުމުގެ ކުރިން ނެރެފައިވާ ދެ އިޞްދާރުގައިވެސް ލެކެޑިވް ސީއެއްގެ ވާހަކައެއް ނޯވެއެވެ.
1953 ގައި ނެރުނު "ލިމިޓްސް އޮފް އޯޝަންސް އެންޑް ސީސް" ގައި ބަޔާންކޮށްފައިވާ ގޮތުން ލެކެޑިވް ސީ އަކީ އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގެ އައްސޭރިފަށުގައި އޮންނަ އަވަށެއް ކަމަށްވާ ސަދާޝިވްގާޑުން ފެށިގެން ކޮރަހްޑިވްއޭ ކިޔުނު ތިލައާ ހަމަޔަށް ހުރަހަށް ދެމިފައިވާ ރޮނގަކުން، ލެކެޑިވް (މިހާރުގެ ލަކްޝަދްވީޕް) އާއި ދިވެހިރާއްޖޭގެ ހުޅަނގު އަރިމަތީގެ ކައިރިން ފެށިގެން އައްޑުއަތޮޅުގެ އެންމެ ދެކުނުކޮޅާ ހަމައަށް، ލަކްޝަދްވީޕްގެ ރަށްތަކާއި ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ސްރީލަންކާއާ ހަމައަށް ފެތުރިފައިވާ ކަނޑެކެވެ.
1953 ގައި އިންޓަރނޭޝަނަލް ހައިޑްރޯގްރެފިކް އޯގަނައިޒޭޝަންގެ ރަސްމީ ލިޔެކިޔުންތަކަށް އެރިކަމުގައިވިޔަސް ވަރަށް ފަަހަކާ ޖެހޭންދެންވެސް އެނަން އެހާ ޢާއްމުވެފައެއް ނުވެއެވެ. ލަކްޝަދްވީޕްގެ ރަށްތަކާބެހޭ ގޮތުން ލިޔާ އިންޑިޔާގެ ލިޔުންތެރީންވެސް މިފަހަކާ ޖެހޭންދެން ލިޔެއުޅުނީ ލަކްޝަދްވީޕް އޮންނަނީ ޢަރަބި ކަނޑުގައި ކަމަށެވެ. ސަބަބަކީ ޢާއްމުވެފައިވާ ނަމަކީ އެއީކަމަށްވާތީއެވެ. 1928 ގައި ނެރެފައިވާ "ލިމިޓްސް އޮފް އޯޝަންސް އެންޑް ސީސް" ފުރަތަމަ އިޞްދާރުގައި ވެސް އަދި 1937 ގައި ނެރެފައިވާ އޭގެ ދެވަނަ އިޞްދާރުގައި ލަކްޝަދްވީޕްގެ އެންމެ ދެކުނު ރަށްކަމަށްވާ މަލިކާ ހަމައަށް އޮތް ކަނޑުގެ ނަމަކަށް އޮތީ އެރޭބިއަން ސީ އެވެ. އާދެ ޢަރަބި ކަނޑެވެ. ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް އޮތީ އިންޑިޔާ ކަނޑެވެ. މާނައަކީ އޭރު އަދި ލެކެޑިވްސް ސީއެއް ވުޖޫދަކަށް ނާދެއެވެ. ލެކެޑިވް ސީ ލަކްޝަދްވީޕް ސީއަކަށް ވެގެން އުޅެނީ އިންޑިޔާއިން ލެކެޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސްގެ ނަން ލަކްޝަދްވީޕަށް ބަދަލުކުރި ހިސާބުންނެވެ. އެގޮތުންވެސް މި ނަމަކީ ސީދާ އިންޑިޔާއިން އެޤައުމުގެ ޔޫނިއަން ޓެރިޓަރީއަށް ނިސްބަތްކޮށް ދީގެން އުޅޭ ނަމެއްކަން ޔަޤީންވެއެވެ.
އަޅުގަނޑުމެން އަބަދުވެސް ކިޔަމުން މިއަންނަނީ ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގައި އޮންނަ ޤައުމެއްކަމަށެވެ. ލަވަތަކުގައިވެސް ކިޔަމުން މިއަންނަނީ އެހެންނެވެ. އާދެ، ހިންދުއެމާ ކަނޑުތެރޭ އަލިރަންމުތްހެން ދިރޭ ދީބުދިވެހިމިއީ ކަމުގައެވެ. ދިވެހިރާއްޖެ އޮތް ކަނޑު މި ސަރަހައްދުގައި އޮތް ބޮޑު ސިންގާ އަދި ކުޑަބައްރެއްގެ ގޮތުގައި ކިޔާ، ތާރީޚީ އިންޑިޔާ (މިހާރުގެ އިންޑިޔާއާއި، ޕާކިސްތާނާއި، ބަންގްލަދޭޝްވެސް ހިމެނިގެންދާހެން)ގެ ނަމަށް ނިސްބަތްވުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ދެކޮޅުހަދާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ދިވެހިރާއްޖެ އޮންނަ ކަނޑުގެ ނަމަކަށް ދިވެހިރާއްޖެއަށްވުރެ މާކުޑަކުޑަ އަދި އެހެން ޤައުމެއްގެ ޔޫނިއަން ޓެރިޓަރީއެއްގެ ނަމުން ނަންކިޔުމީ ބަލައިގަންނަން ކުޑަކޮށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް މިއަދު ގޫގުލް ޗާޓު ހުޅުވާލިއަސް އައްޑުއަތޮޅާ ހަމައިންވެސް ފެންނަނީ އެ ނަމެވެ. އެޔަށް މާބޮޑު ބަދަލެއް ނުގެނެވުނަސް އަޅުގަނޑުމެންގެ ލިޔުންތައް އަޅުގަނޑުމެން ބޭނުން ގޮތަކަށް ލިޔެވިދާނެތާއެވެ. އަދި މި ކަނޑަށް ކޮންމެހެން "މޯލްޑިވްސް ސީ" ކިޔާކަށްވެސް ނުޖެހެއެވެ. އެކަމަށް ދަޢުވާއެއްވެސް ނުކުރަމެވެ. އެހެންނަމަވެސް ލަކްޝަދްވީޕް އަދި ދިވެހިރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދަށް ކޮންމެހެން ވަކި ނަމެއް ކިޔާނަމަ އެންމެ އައުލާކަން ބޮޑީ "މޯލްޑިވްސް ސީ" ކަން ކަށަވަރެވެ. ކުރީގެ ޗާޓުތަކުގައި ލަކްޝަދްވީޕާއި، ދިވެހިރާއްޖެއާި، ފޯޅަވަހި ހިމެނޭ ކަނޑުއަޑީގެ ކުންނުފައްޗަށް "މޯލްޑިވް ރިޖް" އޭ ލިޔެފައި ހުއްޓާ ވެސް ފެނެއެވެ. އެހެންނަމަވެސް މިހާރު ފެންނަނީ "ލަކްޝަދްވީޕް-ޗާގޯސް ރިޖް" އެވެ. ކޮންމެވެސް ބަޔެއްގެ ނުފޫޒުން ނަމަވެސް އެނަން ވެސް ވަނީ ބަދަލުކޮށްފައެވެ.
-----------
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.