އިބްރާހިމް ޒަކީ
ބޭރުގެ ކުންފުނިތަކާއި ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގެނައި ބަދަލާ ގުޅިގެން އެކަމާ ގުޅުން އޮންނަ ހުރިހާ ފަރާތެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
ސަތޭކަ ޕަސެންޓް ދިވެހި ކުންފުނިތަކަށް އެކަނި ރީ ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލަކީ މީޑިއާނެޓަށް އެ ދާއިރާ މޮނޮޕޮލައިޒް ކުރެވޭ ގޮތަށް ހަދައި ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ގެނައި އިސްލާހެއް ކަމަށް ބުނެ އެ މައްސަލައާ ގުޅިގެން މަޖިލީހުގައިވެސް ވަނީ ބަހުސްކޮށްފައެވެ.
މިއަދު ބޭއްވި ގަވާއިދު ކޮމިޓީ ބައްދަލުވުމުގައި ވަނީ ބްރޯޑްކޮމުން ގަވާއިދަށް ގެނައި އިސްލާހު ދިރާސާކޮށް އެކަމަށް ގޮތެއް ކަނޑައެޅުމަށް ނިންމައިފައެވެ. އެކަމަށްޓަކައި ރީބްރޯޑްކާސްޓަރުންނާއި އަމިއްލަ މީޑިއާތަކާއި ބްރޯޑްކޮމް އެ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކޮމިިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ މެންބަރުން ވިދާޅުވީ، ކަމާބެހޭ ދާއިރާތަކާ ވާހަކަދެއްކުމަށްފަހު އެކަމަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.