ޚަބަރު

ޑެންގޫ ޖެހުނު ބައެއް ކުދިންގެ ގުނަވަންތައް މަސައްކަތްކުރުން ދަށްވެ އައިސީޔޫގައި ފަރުވާދޭން ޖެހުނު: ފައިސަލް

ރިފާ ހަލީލު

ޑެންގޫޖެހިގެން މިއަހަރު އައިޖީއެމްއެޗަށް ގެނައި ބައެއް ކުދިންގެ ބައެއް ގުނަވަންތައް މަސައްކަތްކުރުން ދަށްވެގެން އައިސީޔޫގައި ފަރުވާދޭން ޖެހުނު ކަމަށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވީ "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ޑރ. ފައިސަލް ވިދާޅުވީ ޑެންގޫ ޖެހިގެން ހާލު ސީރިއަސްވާނެ ވަކި އުމުރެއް ނެތް ކަމަށާއި އެހެން ނަމަވެސް އިތުރު ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް މި ބަލީގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ. އަދި މި ބަލިޖެހުނު ކުޑަކުދިންގެ ތެރެއިން ބައެއް ކުދިންގެ ގުނަވަންތައް މަސައްކަތްކުރުން ވަރަށް ބޮޑަށް ދަށްވެ އައިސީޔޫގައި ފަރުވާދޭން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ލޭގެ ޕްރެޝަރު ރަނގަޅުވެ، ބަލިން ރަނގަޅުވުމުން އެ ގުނަވަންތަކުގެ މަސައްކަތްކުރުން މަޑުމަޑުން ރަނގަޅުވާ ކަމަށެވެ. އެއީ ލޭގެ ޕްރެޝަރު ދަށްވެ ގުނަވަންތަކުން ލޭ ބޭރުވުމުން ދިމާވާ ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއްފަހަރު ހޮޑުލާއިރު ލޭ ހުންނަނީ. އަނެއްބައި ފަހަރު ބޮޑުކަމުދާއިރު. ދެން ނޭފަތުންނާއި އަނގައިން ނުވަތަ ހިރުގަނޑުން ލޭ އާދޭ. މިގޮތަށް ދިމާވަނީ ހުން މަޑުވެ އެ އަންނަ ދުވަސްކޮޅު މާބޮޑަށް ވަރުދެރަވެ ބްލަޑު ޕްރެޝަރު ދަށަށްގޮސް ޝޮކަށްދާތީ. ޝޮކަށްދިޔައީމަ ގުނަވަންތައް މަސައްކަތް ކުރުން ދަށްވޭ ނުވަތަ އަޅުގަނޑުމެން ކިޔާގޮތުން ނަމަ ފެއިލްވޭ. މިސާލަކަށް ބައެއް ކުދިން އެބަތިބި ލިވާ މަސައްކަތް ކުރުން ދަށްވެފަ، ކިޑުނީ މަސައްކަތްކުރުން ދަށްވެފަ. ހަމަ އެގޮތަށް ހިތްވެސް. އެކަމަކު ޕްރެޝަރު ރަނގަޅުވީމަ މަޑުމަޑުން އެ ގުނަވަންތައް ބެކް ޓު ނޯމަލް އަށް އާދޭ. ބައެއްކުދިން ދުވަސްވެސް ނަގާ ރަނގަޅުވާން. އެހެންވީމަ ކިރިޔާވެސް ލޭ ހުންނަންޏާ ވަގުތުން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ފާއިތުވި ދެ ހަފުތާއަށް ބަލާއިރުވެސް ޑެންގޫ ޖެހިގެން 47 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި 497 ކޭސްއެއް ރިޕޯޓުކޮށްފައިވާ އިރު، މިއަހަރުގެ މިހާތަނަށް ދެ ހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު ޑެންގޫ ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ މިއަހަރުކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ މިހާތަނަށް ތިން ކުޑަ ކުދިންނާއި ދެ ޒުވާނުން މަރުވެފައިވާ ކަމަށެވެ.

"އެންމެ ގިނައިން ޑެންގޫގަ މީހުން މަރުވީ 2012 ވަނަ އަހަރު، އެއީ 13 ނޫނީ 14 ވަރަކަށް މީހުން. ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން. ދެން ކޮވިޑުގެ ފަހުން މިއަހަރު އެންމެ ގިނައީ. މިއަހަރު ކުރީކޮޅު އެއްކުއްޖަކު މަރުވި ޑެންގޫ ޖެހިގެން ފަރުވާދެމުންދަނިކޮށް. ދެން ދެ ކުދިންނާއި ދެ ޒުވާނުން މަރުވީ މިމަހުގަ. މަރުވި ކުޑަކުދިން މިއީ ހަމަ ހުރިހާ ތަނަކުން ލޭ އައިސް ގުނަވަންތައް އެއްކޮށް ފެއިލްވެފަ ތިބި ކުދިން،" އޭނާ ވިދާޅުވިއެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ މި ބަލީގެ ދެ ވައްތަރެއް މިހާރު ރާއްޖޭގައި އުޅޭ ކަމަށެވެ. އޭގެތެރެއިން ހާލަތު ސީރިއަސްވާ ވައްތަރު ގިނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ލާމު އަތޮޅާއި ރ. އަތޮޅުގައި މި ދެބާވަތުގެ ޑެންގޫވެސް ވަރަށް ގިނަ ކަމަށާއި މިހާރު ރާއްޖޭގައި އެންމެ ބޮޑަށް ޑެންގޫ ފެތުރެނީވެސް މި ދެ އަތޮޅުގައި ކަމަށް ވިދާޅުވިއެވެ.

ޑެންގޫ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު މިވަގުތަށް ދަށް ކަމަށާއި މި ބަލީގައި މިވަގުތު ހާލު ސީރިއަސްވެފައިވާ އެއްވެސް މީހަކު ނެތް ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑެންގޫން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ނުވަތަ މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވައިފައެވެ. މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ ފަތިސް ގަޑި އާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އަދި ގޯތި ތެރޭގައި ފެން ހަރުލާފަދަ ގޮތަކަށް ހުންނަ ތަންތަން ނައްތާލުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.