އެއަރ އިންޑިޔާ

އެއާ އިންޑިއާ ފްލައިޓެއް ފާރެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް

މުހައްމަދު އައުޒަމް

އިންޑިއާގެ ޓްރިޗީއިން ފުރައިގެން ދުބާއީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ފާރެއްގައި ޖެހި ބޮޑެތި ފްލައިޓަށް ގެއްލުންތަކެއް ވެއްޖެއެވެ.

ބޯއިންގ 737 މަރުކާގެ މި ފްލައިޓު ޓްރިޗީ އެއާޕޯޓުން ނައްޓާލުމާއެކު ރަންވޭގެ ސަރަހައްދު ވަކިކުރާ ފާރުގައި ފްލައިޓުގެ ފިއުސަލާޖު ޖެހި ބޮޑެތިގެއްލުންތަކެއް ވަނީ ވެފައެވެ.

130 ފަސިންޖަރުންނާއި ހަ ކްރޫ ދަތުރުކުރި މި ފްލައިޓު ވަނީ ވަގުތުން ކުއްލި ހާލަތުގައި މުމްބާއީ އެއާޕޯޓަށް ޖައްސާފައެވެ. މުމްބާއީ އެއާޕޯޓަށް ޖެއްސުމުގައި އެއްވެސް މައްސަލައެއް ދިމާނުވާކަމަށް އެއާ އިންޑިއާއިން ހާމަކުރިއެވެ.

އެއާ އިންޑިއާއިން ނެރުނު ބަޔާނުގައި ފްލައިޓަށް ލިބުނު ގެއްލުންތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ފްލައިޓު ދުއްވި ދެ ޕައިލެޓުން ގްރައުންޑް ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި މި ތަހުގީގުގައި އެއާ އިންޑިއާއިން ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަން ވެސް ވަނީ ހާމަކޮށްފައެވެ.

އިންޑިއާގައި މިދިޔަ ހަފްތާގައިވެސް ވަނީ ޖެޓް އެއާވޭސްގެ ފްލައިޓެއް 30 މީހުންނާއެކީ ކުއްލިހާލަތުގައި ޖައްސާފައެވެ. އެ ހާދިސާ ހިނގުމަށް މެދުވެރިވީ ފަސިންޖަރުންނަށް ފްލައިޓުތެރޭގައި އަޑެއް އިވެން ފަށައި ބައެއް ފަސިންޖަރުންގެ ކަންފަތުން ލޭ އަންނަން ފެށުމުންނެވެ. ތަހުގީގުން ހާމަވެފައިވަނީ ކްރޫއިން ހަނދާން ނެތިގެން ކެބިން ޕްރެޝަރ ކޮންޓްރޯލް ނުކުރުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށެވެ.