ރައީސް ޔާމީން

ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިއަދު އޮތް ހައި ކޯޓުގެ އަޑު އެހުންތައް ކުރިޔަށް ގެންދިޔައީ މީޑިއާއަށް ސިއްރުކޮށްގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިރުލާނުކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ، އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީން ވަނީ ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ދައްކައިފަ އެވެ.

އެހެން ނަމަވެސް، އެ މަނިކުފާނު ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެސްއޯއެފުން އެމަނިކުފާނުގެ އިސްލާމިކް ބޭންކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތަހުގީގު ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ކޯޓުގައި އެދިވަޑައިގެންނެވީ ޕްރޮސެކިއުޓަރު ޖެނެރަލް އެވެ.