ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އަލުން ލިބިވަޑައިގެންފިނަމަ ހއ. ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީ ލީޑަރު، އެ ކޯލިޝަންގެ ފަރާތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ވެރިކަން ކުރައްވާ މައި ޕާޓީ އެމްޑީޕީގެ މެންބަރަކު ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާއަށް ދިއްދޫ ރައްޔިތުން ހޮވައިދެއްވީ ވަރަށް ބޮޑެތި އުއްމީދުތަކަކާއެކު ކަމަށެވެ. ނަމަވެސް ދިއްދޫ ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށްވެއި ނުވާކަމަށް ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުން ވެސް ދިއްދޫއަށް ކަމެއްނުކޮށްދީ ބާކީކުރަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ. އަންނަ އަހަރު އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ދިއްދޫ ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތަކުގައި ކުލަޖައްސަވައިދެއްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަ ގައިމު ވެސް ދިއްދޫ ފަޅު ހިއްކާފައި، އެއާޕޯޓެއް އަޅާދީފައި." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް ހަދަން އެ މަނިކުފާނަށް ވަގުތު ބޭނުންވާ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަސް ފަށާނީ އެޖެންޑާއަކުން ކަމަށާއި އެ އެޖެންޑާގައި ގައުމީ އެއާލައިން މޯލްޑިވިއަންއަކީ ރައްޔިތުން ފަހުރުވެރިވާ ކުންފުންޏަކަށް ހަދައިދެއްވުން ހިމެނޭ ކަމަށާއި އެއީ ދިއްދޫ އެއާޕޯޓަށް ޖައްސާނެ ފުލައިޓު ބޭނުންވާތީ ކަމަށެވެ.
"ޒަމާނުއްސުރެ ދިވެހިރާއްޖޭގައި މަތިންދާބޯޓު އުދުހެން ފެށީއްސުރެ އެއީ އަޅުގަނޑުމެންނަށް ނާކާމިޔާބު ސިނާއަތަކަށްވެފަ އޮތީ" ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގެ ފަހު އަހަރުގައި އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް) އުފައްދައި މިނިވަންކަމާއެކު ހިންގަން ދޫކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ ކުންފުނި މުޅި މި ސަރަހައްދުގެ ޑޮމެސްޓިކް އުދުހުންތަކުގައި އެންމެ ކުރީގައި އޮތް ކުންފުނި ކަމަށް ވުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެއިރު އެ ކުންފުނީގައި 19 މަތިންދޯބޯޓު އޮތް ކަމަށާއި ނަމަވެސް މިހާރު އޮތީ އެންމެ ފަސް ވަރަކަށް މަތިންދާބޯޓު ކަމަށް ޔާމީން ވިދާޅުވިއެވެ. މަންތާ އެއާލައިން މަތިންދޯބޯޓުތައް ކުއްޔަން ހިފަން ޖެހުމުން ކުންފުނީގެ ހާލަތު ދަށްވެފައިވާ މިންވަރު ސާފުވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރު ނިމިގެންދިޔައިރު 2018 ނިމިގެން ދިޔައިރު އައިލެންޑް އެވިއޭޝަނަކީ ސަރުކާރަށް އައިލެންޑް އެވިއޭޝަނުން ލިބޭ ފައިދާއަކުން ސަރުކާރަށް ފައިދާ ދޭ ކުންފުންޏެއް. އައިލެންޑް އެވިއޭޝަންގެ ޖަމާގެ، އައިލެންޑް އެވިއޭޝަންގެ ނަގުދު ނުވަތަ ނެޓް ފައިސާގެ ގޮތުގަ 1.5 މިލިއަން. މިހާރު ހާލަތަކީ ކޮބައިތޯ 600 މިލިއަން ރުފިޔާކަން ނޭނގެ ދަރަނި. ދުވާބޯޓު މިހާ މަދުވެއްޖެ" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ދިއްދޫ ރައްޔިތުންނަށް އެއާޕޯޓު ހަދިޔާ ކޮށްފި ކަމަށާއި ނަމަވެސް އެކަމުގެ ހަގީގީ ފައިދާ ދިއްދޫ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނީ އައިއޭއެސްއަށް އެ ކުންފުނީގެ ފަހުރުވެރި މާޒީއަށް އަނބުރާ ހޯދިގެން ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައްކަވާ ވާހަކައަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ، އަމީރު ދައްކަވަނީ ބޭކަރު ވާހަކަތަކެއް ކަމަށެވެ. އަމީރު އަމިއްލަފުޅަށް އެ ދައްކަވާ ވާހަކަތަކުގެ ހިސާބު ޖައްސަވަން ޖެހޭ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން ރައްޔިތުން ބޮލުގައި އެޅުވި ވަރުގެ ދަރަންޏެއް ރައްޔިތުން ބޮލުގައި ނާޅުއްވާނެކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިޔަސް، މި ސަރުކާރުގެ ދަރަނި އެތައް ގުނައަކުން ބޮޑުވެފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.
"އަދި މިއުޅެނީ ހަތަރު އަހަރު ނުވެގެން. ހަތަރު އަހަރުގެ ތެރޭގައި މި ދަރަނި، ރައީސް ޔާމީނުގެ ސަރުކާރުގައި 80،000 ރުފިޔާ ބޮލަކަށް ޖެހޭ ކަމަށް ވަންޏާ މިހާރުގެ ދަރަންޏަކީ 184،000" ޔާމީން ވިދާޅުވިއެވެ.