ޚަބަރު

އައްސޭރި ޖަލުން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީން ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އެ ހާދިސާ ހިނގާ ދިޔަގޮތް ބަލަމުންދާ ކަމަށާއި އެކަން އިތުރަށް ތަކުރާރުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

އެ ހާދިސާ އާއި އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިންވެސް ވަނީ އައްސޭރި ޖަލުން ބައެއް ގައިދީން ފިލައިފައެވެ. އައްސޭރި ޖަލުގައި ބަންދުކޮށްފައި ތިބެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.