ޚަބަރު

މަރަދޫފޭދޫ ބަނދަރުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފި

މުހައްމަދު އިޝާން

އައްޑޫ ސިޓީ މަރަދޫފޭދޫ ބަނދަރުގެ މަސައްކަތް ގަވާއިދާހިލާފަށް ކުރިއަށް ގެންގޮސްފައިވާތީ ޕްލޭނިން މިނިސްޓްރީ ޖޫރިމާނަކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދުކުރި ނެރުނު ބަޔާނެއްގައި ބުނީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ދޫކޮށްފައިވާ "ތިމާވެށީގެ ގޮތުން ނިންމި ލިޔުމާ" ހިލާފަށް އީޕީއޭގެ ހުއްދަ ނެތި، ބަނދަރުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބުނީ ޕްލޭނިން މިނިސްޓްރީން ތިން ފަހަރެއްގެ މަތިން ބަނދަރުގެ މަސައްކަތް ގަވާއިދާހިލާފަށް ކޮށްފައިވާ ކަމަށެވެ.

އެހެންވެ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން ތިންވަނަ ފަހަރަށް ކުށް ތަކުރާރު ކުރުމުން އެ މިނިސްޓްރީ 120،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކަން އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

އީޕީއޭއިން ބުނީ އެ އިދާރާގެ ހުއްދަނެތި ކޮށްފައިވާ މަސައްކަތާއި ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި އެކަމުގެ ރިޕޯޓު ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ބަނދަރުގައި މިހާރު ކުރެވިފައިވާ މަސައްކަތްތައް އީއައިއޭ މޮނިޓަރިން ޕްލޭންގައި ހިމަނައި އެ މޮނިޓަރިން ޕްލޭން އިސްލާހުކޮށް، އާ މޮނިޓަރިން ޕްލޭންއެއް ހުށަހަޅާނެ ކަމުގެ ލިޔުމެއް މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކުރި އިރު، މި އަހަރުގެ މާޗު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި މަރަދޫފޭދޫގެ ބަނދަރު ވަނީ ހުޅުއްވައިދެއްވައިފައެވެ.

މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.