އިބްރާހިމް ޒަކީ
ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނޭ ސިޔާސީ ނިޒާމެއް ހޯދަމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތުގެ އެންމެބޮޑު އަސާސަކީ އެމްޑީޕީގެ ކެނޑިޑޭޓު ކަނޑައެޅުމުން ދެލޯ މަރާފައިގޮސް ވޯޓު ދިނުން އިތުރު އެހެން ގޮތެއް އެކަމުގައި ނެތް ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ހުވަދު އަތޮޅު އުތުރުބުރީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދިވެހި ރާއްޖޭގައި ހަމަޖެހޭ ސިޔާސީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު ކުރަން ނުކުމެހުރި ކަމަކީ ހަގީގަތުގައި ސިޔާސީ ޕާޓިއެއް ބިނާ ކުރުމުގެ މަސައްކަތް، ދިވެހި ރާއްޖޭގައި ހަމަޖެހޭ ސިޔާސީ ނިޒާމެއް، ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނޭ ސިޔާސީ ނިޒާމެއް ހޯދަމުގެ މަސައްކަތް، އެއީ އަޅުގަނޑު ކުރާ މަސައްކަތަކީ އެ މަސައްކަތުގެ އެންމެބޮޑު އަސާސަކީ އަޅުގަނޑުމެންގެ ކެނޑިޑޭޓު ކަނޑައެޅުނީމާ ދެލޯމަރާފާގޮސް އެއަށް ވޯޓު ދިނުން އިތުރު ވާހަކައެއްް މިއަކުނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ނުދީފިނަމަ ސިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ. އަދި ސިޔާސީ ނިޒާމު ގަޑުބަޑުވީމާ ހަމަޖެހޭ ވެރިކަމުގެ ނިޒާމެއް ނުގެންގުޅެވޭނެކަމަށްވެސް ވިދާޅުވިއެވެ.
"އެވޯޓު މިއަދު އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ނުދީފިނަމަ އެއީ އަަޅުގަނޑުމެންގެ ސިޔާސީ ނިޒާމު ގަޑުބަޑު ކުރަނީ، މި ސިޔާސީ ނިޒާމު ގަޑުބަޑުވީމާ ދެނެއް ހަމަޖެހޭ ވެރިކަމުގެ ނިޒާމެއް އަޅުގަނޑުމެންނަކަށެއް ނުގެންގުޅެވޭނެ، މި ސިޔާސީ ނިޒާމު ގަޑުބަޑު ކުރީމާ އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ އަނެއް ގައުމިއްޔަތު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، މި ތަނަވަސްކަމެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ ،" ރައީސް ނަޝީދު ވިދާޅުވިއެވެ.