ޚަބަރު

ލައިސަންސްގެ ދަށުން މަހުގެ ވިޔަފާރި ކުރެވޭގޮތަށް އޮތުމުން މަހުގެ އަގު ކޮންޓްރޯލް އެބަކުރޭ: ނަޝީދު

އިބްރާހިމް ޒަކީ

ހާއްސަ ލައިސަންސެއްގެ ދަށުން މަހުގެ ވިޔަފާރި ކުރެވޭގޮތަށް އޮތުމުން މަހުގެ އަގު ކޮންޓްރޯލް ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގއ. އޮތުޅުގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަހުގެ ހަމައަގު ލިބޭނީ މަސްވެރިކަމުގައި ވާދަވެރިކަން ގެނެސް، ހިފޭއްޓުމެއް ނެތް ގޮތަށް ވީހާވެސް ބޮޑަށް އެކަން ދޫކޮށްލައިގެން ކަމަށެވެ.

އަދި އެކަމަށް ހާއްސަ ލައިސަންސެއްނަގަން ޖެހޭތީ މިހާރު މަސް ގަނެވެނީ ހަމައެކަނި އެކަކު ދެމީހަކަށް ކަމަށާއި އެމީހުން ރާވާލައިގެން މަހުގެ އަގު ކޮންޓްރޯލް ކުރަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މަސްވެރިކަމުގައި ވާދަވެރިކަން ގެނައިމަ، ދޫކޮށްލީމަ، އޭގެ ފައިދާ އެބަ ވާކަން ފިތުރަތުގެ އުސޫލަކީ، ހިފަހައްޓައި އޮބަހައްޓައިފިއްޔަކާ ކުރިއެއް ނާރާނެ. މިއަދުވެސް މަސް ގަނެވެނީ ހަމައެކަނި އެކަކު ދެމީހަކަށް، ވަކި ހާއްސަ ލައިސަންސެއްގެ ދަށުން، އެހެންވީމާ އެމީހުން އަމިއްލައަށް ރޭވިލާފައި މަހުގެ އަގު އަބަދުވެސް އެބަ ކޮންޓްރޯލް ކުރޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަހުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވިޔަސް މަހުގެ އަގު ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުންޏަކަސް މިއަގު މިއަންނަނީ ކޮންޓްރޯލް ކުރަމުން، އަމިއްލަ ދެން އޮތް ހަމައެކަނި ކުންފުންޏާއި އެކުގަ. ހަގީގީ ބަދަލު މިއަށް ގެނެވޭނީ އެޖެންޑާ 19 އިން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމާޒު ކޮށްގެން އެމްޑީޕީން ކުރިއަށް ގެންދާ އެޖެންޑާ 19 ގައި ސަރުކާރުގައި ރަޖިސްޓްރީ ކުރުމެއްނެތި މަހުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހިމަނައިފައެވެ.