އަލީ ޔާމިން
މަކިޓާ ޕަވަޓޫލް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ކުރިއަށްގެންދާ އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ "މަކިޓާ ހެއްޔާ 2022" ފެށުމުގެ ގޮތުން އެސްޓީއޯ މަކިޓާ ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 23 ވަނަ ދުވަހުގެ 22:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. މި މުބާރާތަކީ ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ރަޖިސްޓޮރޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމާއި އެސްޓީއޯ ވެބްސައިޓު sto.mv އިން ޑައުންލޯޑްކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމުގެ ކައުންޓަރަށް ހުށަހެޅޭއިރު 7980240 ނަންބަރަށް ވައިބާކޮށްގެންނާއި [email protected] އަށް އީމެއިލްކޮށްގެންވެސް ހުށަހެޅޭނެއެވެ.
މި މުބާރާތުގެ ބައިވެރީންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް މިމަހުގެ 25 ވަނަ ދުވަހުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ 16:00 އަށް ފުރުސަތު އޮންނާނެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ތައްޔާރު ކުރާ ތަކެތީގެ ވީޑިއޯ އެސްޓީއޯގެ ފޭސްބުކަށް އަޕްލޯޑް ކުރާނީ އެކުންފުނިންނެވެ. ކޮންމެ ބައިވެރިޔަކަށްވެސް އެއް އައިޓަމް ހުށަހެޅޭއިރު، މުބާރާތުގެ ވަނަ ހޮވަން ހަމަޖައްސާފައިވަނީ ޖަޖުންގެ %70 އާއި އާއްމުންގެ %20 އާއި ހުށައަޅާ ވީޑިއޯއަށް %10 ދޭ ގޮތަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މުބާރާތުގައި ބޭނުންކުރާ ވީޑީއޯތައް މަކިޓާ ބްރޭންޑް އިޝްތިހާރުކުރުމަށް ބޭނުންކުރާނެއެވެ.
މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެ ކަމަށާއި އެހެން ފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރާނެ ކަމަށްވެސް ބުންޏެވެ. މި މުބާރާތުގައި އެސްޓީއޯގެ އެއްވެސް މުވައްޒަފަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މުބާރާތުގެ މުއްދަތުގައި އެސްޓީއޯގެ މަޓިކާ ޝޯރޫމުން 30 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.