ބިންވެރިޔާ ސްކީމުގެ ދަށުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް 35،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވީ ރޭ 12:00 ގައެވެ.
މާލޭގެ ރައްޔިތުން 5000 ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ރައްޔިތުންނަށް 4000 ފްލެޓުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު އެކަމަށް އެދި ހުށަހެޅި ފޯމުތަކުގެ އަދަދު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ރޭ ޓުވިޓާގައި ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ގޯއްޗަށް އެދިއެވެ.
އަކުރަމް ކަމާލުއްދީން ވިދާޅުވީ ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ފަރުމާ ކުރެވުނު ގެދޮރުވެރިން ޕޯޓަލްގެ ދަށުން ތަކުލީފަކާ ނުލައި ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35،861 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.
އެގޮތުން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލައިފައިވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ވަނީ ކުރިމަތިލާފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.
މާލޭގައި 15 އަހަރު އުޅެފައިވާ ކޮންމެ ރަށެއްގެ މީހަކަށްވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށް އެންމެ ފުރަތަމަ ހެދި އުސޫލުގައި އޮތީ ހަމަ އެކަނި މާލޭގެ މީހުންނަށެވެ. މިކަމާ ގުޅިގެން ސަރުކާރަށް ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓްރީން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.
ބަދަލުގެނައި އުސޫލުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.
ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމުލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.