މިއީ މިދިޔަ އަންގާރަ ދުވަހު އަޅުގަނޑުގެ އެކުވެރި ޝަމްޢޫން ޖަލީލް (މަޝްހޫރު ނަމުން ނަމަ ލޫކަސް ޖަލީލް) ފޮނުވި ތާރީޚީ ވީޑިއޯއެކެވެ. މި ވީޑިއޯއަކީ 13 އޮގަސްޓް 2022 ގައި އަނޫޝާ ޕަލްޕިޓާ ނަމަކަށް ކިޔުނު ސްރީލަންކާ މީހަކު ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެކެވެ. ސިންގަޅަ ބަހުން ލިޔެފައި އޮތީ 1950 ވަނަ އަހަރުގައި ސަރ ޖޯން ކޮތެލާވަލާ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ކަމަށެވެ. ވީޑިއޯއަކީ ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އިންފޮމޭޝަންގެ ގަވަރމެންޓް ފިލްމް ޔުނިޓުން އުފައްދާފައިވާ ވީޑިއޯއެކެވެ. މިއީ މީގެ ކުރިން ފެނިފައިވާ ނުވާ ނުވަތަ ޢާއްމުވެފައި ނުވާ ވީޑިއޯއެކެވެ. އާދެ، ސިލޯނުގެ އޭރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ވަރކްސް ކަރނަލް ސަރ ޖޯން ލަޔަނަލް ކޮތެލާވަލާ، ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވީ 1951 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުއެވެ. މާލެއިން ފުރާވަޑައިގެންނެވީ ޖެހިގެން އައި މެއި 8 ވަނަ ދުވަހުގެ ހަވީރެވެ. އެހެންކަމުން މި ވީޑިއޯއަކީ ނުހަނު ތާރީޚީ، އަދި މާލޭގެ އޭރުގެ ރީތި މަންޒަރުތަކާއި އެކި މީސްމީހުން ފެންނަ ވަރަށްވެސް ހިތްގައިމު ވީޑިއޯއެކެވެ. މާލެއާއި ހުޅުލޭގެ މަންޒަރުތަކާއި ދިވެހި އަންހެނުންނާއި ފިރިހެނުންގެ ތަފާތު މަސައްކަތްތައް ވަރަށް ސާފުކޮށް ފެންނަ ވީޑިއޯއެކެވެ. އެހެންކަމުން ވަން އޮންލައިން ނޫހުގެ ޒަރީޢާއިން، މި ހިތްގައިމު ވީޑިއޯއާއި އަދި ސަރ ޖޯން ކޮތެލާވަލާގެ އެ ތާރީޚީ ދަތުރުފުޅާ ބެހޭ މައުލޫމާތު ތިޔަބޭފުޅުންނާ ހިއްސާކޮށްލާނަމެވެ.
ވީޑިއޯއާއި އެ ދަތުރުފުޅާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން ސަރ ޖޯން ކޮތެލާވަލާއާ ބެހޭ ކުރު ތައާރަފެއް ދިނުން މުހިއްމުކަމަށް ދެކެވެ. ސަރ ޖޯން ކޮތެލާވަލާއަކީ މި ވީޑިއޯއިން ފެންނަ ދުވަސްވަރު ސިލޯނުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ވަރކްސްއެވެ. 1897 ގެ އޭޕްރީލް 5 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ސަރ ޖޯން ކޮތެލާވަލާ ސިޔާސީ ހަޔާތްޕުޅު ފެއްޓެވުމުގެ ކުރީން އުޅުއްވީ ސިފައިންގެ ތެރޭގައެވެ. ހަރަކާތްތެރި ސިޔާސީ އާއިލާއަކަށް ނިސްބަތްވެވަޑައިގެންނެވުމާއެކު، 1931 ވަނަ އަހަރުގައި ސިޔާސީ މައިދާނާ ގުޅިވަޑައިގެންނެވިއެވެ. އެއީ އިނގިރޭސި ސިލޯނުގައި، އެޤައުމުގެ އަސްލު ރައްޔިތުން ބައިވެރިކޮށްގެން އުފެއްދި ފުރަތަމަ ބަރުލަމާނު ނުވަތަ އޭރުގެ ނަމުން ނަމަ ދި ސްޓޭޓް ކައުންސިލް އޮފް ސިލޯންގެ މެންބަރަކަށް ވެވަޑައިގެންނެވި ހިސާބުންނެވެ. އަދި އެއާއެކު މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް ވަރކްސްގެ މަޤާމު ފުރައްވަމުން ވަޑައިގެން 1947 ގައި "ޕާލަމެންޓް އޮފް ސިލޯން" ގެ ނަމުގައި އުފެއްދި ސިލޯނު ރައްޔިތުންގެ ފުރަތަމަ މަޖިލީހުގެ މެންބަރަކަށް ހޮވިވަޑައިގެންނެވިއެވެ. އޭގެ ފަހުން، ސިލޯނުގެ ފުރަތަމަ ބޮޑުވަޒީރު ޑޮން ސްޓެފަން ސެނަނަޔަކަގެ ބޮޑުވަޒީރު ކަމުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ވަރކްސް ކަމުގެ މަޤާމަށް އޭނާ އައްޔަނުކުރެވުނެވެ. ދިވެހިރާއްޖެއަށް ވަޑައިގެންނެވީ އެ މަޤާމުގައި ހުންނެވި ދުވަސްވަރުގައެވެ. 22 މާޗު 1952 ގައި ބޮޑުވަޒީރު ޑޮން ސްޓެފަން ސެނަނަޔަކަ އަވަހާރަވުމުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ސަރ ޖޯން ކޮތެލާވަލާގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށްވާ ޑަޑްލީ ސެނަނަޔަކައެވެ. އޭގެފަހުން 12 އޮކްޓޯބަރު 1953 ގައި ޑަޑްލީ ސެނަނަޔަކެ އިސްތިއުފާދެއްވުމުން ސިލޯނުގެ 3 ވަނަ ބޮޑުވަޒީރު ކަމުގައި ވެވަޑައިގެންނެވީ ސަރ ޖޯން ކޮތެލާވަލާއެވެ. ނަމަވެސް 1956 ވަނަ އަހަރުގެ ޢާއްމު އިންތިޚާބުން ނާކާމިޔާބުވެވަޑައިގެން ބޮޑުވަޒީރުކަމުގެ މަޤާމު އޭނާއަށް ގެއްލިވަޑައިގެންނެވިއެވެ. އެކަމަކު 1959 ވަނަ އަހަރުގެ ޑިސެންބަރު 5 ވަނަ ދުވަހާ ޖެހޭންދެން ބަރުލަމާނުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއެވެ. އެއަށްފަހު ސިޔާސީ ދާއިރާއިން މުޅީން އެކަހެރިވެވަޑައިގެންނެވިއެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 83 އަހަރުގައި 1980 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.
އާދެ، ދެން ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާލަމާ ހިނގާށެވެ. ވީޑިއޯއިން ފުރަތަމަ ފެނިގެން ދަނީ ސިލޯނުގެ މަނަވަރު އެޗް.އެމް.ސީވައި.އެސް ވިޖެޔާ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއަށް ވަދެގެން ދަތުރުކޮށްފައި އަންނަ މަންޒަރެވެ. މާލެއާއި، ދިވެހިރާއްޖޭގެ އެހެން ބައެއް ރަށްރަށުގެ މަލަތަކާއި، އޮޑިދޯނިފަހަރުގެ ހިތްގައިމު މަންޒަރެވެ. އެއަށް ފެނިގެން ދަނީ ސިލޯނުގެ ޓްރާންސްޕޯރޓް އެންޑް ވަރކްސް މިނިސްޓަރ ކަރނަލް ސަރ ޖޯން ކޮތެލާވަލާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމް، އާދެ، ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީއާއި، ވަޒީރުލްއަޢުޡަމްގެ ނާއިބު އިބްރާހީމް މުޙައްމަދު ދީދީއާއި، ވަޒީރުއްޞިއްޙާ ވަލްމުއާޞަލާތު (ހެލްތު އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު) އަޙްމަދު ޙިލްމީ ދީދީ މަނަވަރަށް ވަޑައިގެން އުޅުއްވާ މަންޒަރެވެ. އޭގެ އިތުރުން މަނަވަރުން ވަޑައިގެންނެވި ބޭބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރިކިލެފާނުވެސް ފެނެއެވެ. ސަރ ޖޯން ކޮތެލާވަލާގެ އަރިހުގައި ތިއްބެވި ބޭބޭފުޅުންގެ ތެރޭގައި ސިލޯނުގެ ބަނދަރުގެވެރި ކަރނަލް ހަރނިޔުއާއި، ސަރ ޖޯން ކޮތެލާވަލާގެ ޕްރައިވެޓް ސެކްރެޓަރީ އޭ.ޓީ.ޑީ. އަލްވިސްއާއި، މަނަވަރުގެ ކެޕްޓަންވެސް ވީޑިއޯއިން ފެނެއެވެ. މަނަވަރުގައި ފަނަރަވަރަކަށް މިނެޓު ހޭދަކުރެއްވުމަށްފަހު ވަޒީރުލްއަޢުޒަމްއާއި އެމަނިކުފާނުގެ އަރިހުގައި މަނަވަރަށް ވަޑައިގެންނެވި ބޭބޭފުޅުން އެނބުރި މާލެ ވަޑައިގެންނެވިއެވެ.
ދެން ފެނިގެން ދަނީ މާލޭގެ ބަނދަރުތެރެއާއި ބަނދަރުމަތީގެ މަންޒަރުތަކެވެ. މަރުހަބާ ދެންނެވުމަށްޓަކައި ރައްޔިތުން އެއްވެފައިވާ މަންޒަރެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ. ސަރ ޖޯން ކޮތެލާވަލާއަށް ގާޑް އޮފް އޮނަރއެއް އެރުވުމަށްޓަކައި، ސިފައިންގެ އޮފިސަރު ބަންދު މުޙައްމަދު ކަލޭގެފާނުގެ ވެރިކަމުގެ ދަށުގައި ސިފައިންގެ ބޭކަލުންތަކެއް މާޗުކޮށްފައި އައިސް އެތުރޭ މަންޒަރުވެސް ފެނެއެވެ. އެއަށްފަހު ފެނިގެން ދަނީ މެހެމާނުން ގޮވައިގެން ރަދުންގެ ބައްތެލިކޮޅު، އާދެ، ޝާހީ ޖަލިޔާކޮޅު އައިސް މާލޭ ފަޅުތެރެއަށް ވަންނަ މަންޒަރެވެ. އެދުވަހު ސަރ ޖޯން ކޮތެލާވަލާ މަނަވަރުން ބޭލުއްވުމަށް، ޖަލިޔާކޮޅުގައި ވަޑައިގެންނެވީ ވަޒީރުއްޞިއްޙާ ވަލްމުއާޞަލާތު (މިނިސްޓަރ އޮފް ހެލްތު އެންޑް ކޮމިއުނިކޭޝަން) އަޙްމަދު ޙިލްމީ ދީދީއާއި، ވަޒީރުލްއަޝްޣާލް (މިނިސްޓަރ އޮފް ވަރކްސް) ޢަބްދުލްވަޙާބް މަނިއްޕުޅެވެ. ދެން ފެނިގެން ދަނީ ސަރ ޖޯން ކޮތެލާވަލާއަށް މާލޭގެ ބޮޑު ފާލަންމަތިން އިސްތިޤުބާލު ކުރުމަށްޓަކައި ތައްޔާރުވެ ތިއްބަވާ މަންޒަރެވެ. އިސްވެ ހުންނެވީ ވަޒީރުލްއަޢުޡަމް އަދި ސިފައިންގެ ވެރިޔާ މުޙައްމަދު އަމީން ދީދީއެވެ. އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވީ ސިފައިންގެ ވެރިޔާގެ ޚާއްޞަ ޔުނީފޯމެވެ. ވަޒީރުލްއަޢުޡަމްގެ ފަހަތްޕުޅުގައި ހުންނެވީ އޭނާގެ ނާއިބު އިބްރާހީމް މުޙައްމަދު ދީދީއެވެ. އޭނާ ތުރުކުރައްވައިގެން ހުންނެވީ ސިފައިންގެ އޮފިސަރެއްގެ ޔުނީފޯމެވެ. ފާލަމުގެ ދެފަރާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ދައުލަތް ހިންގާ މަޖިލީހުގެ މެންބަރުންނާއި، ވަކީލުންނާއި، ކަމުވޮށިވެގެންވާ ބައެއް ބޭކަލުން ތިއްބެވިއެވެ. މިދެންނެވި ބޭބޭފުޅުންނާއި ބޭކަލުންގެ ތެރޭގައި އައްޝައިޚް މަލިން މޫސާ މާފަތް ކަލޭގެފާނު، އައްޝައިޚް އިބްރާހީމް ރުޝްދީ، މުޙައްމަދު އިސްމާޢީލް ދީދީ، އައްޝައިޚް ޢަބްދުލްޤައްޔޫމް، އަލްވަޒީރު އަޙްމަދު ފާމުދޭރި ތަކުރުފާނު، އާދަމް ނަޞީރު މަނިކު، ކުޑަދަހަރާގޭ އިބްރާހީމް ދީދީ، އިބްރާހީމް ޝިހާބް، ބޮޑުފެންވަޅުގޭ ސީދީ، އިސްމާޢީލް މުޙައްމަދު ދީދީ އަދި ހިލިހިލާގޭ މުޙައްމަދު އިބްރާހީމް ދީދީ ހިމެނިވަޑައިގެންނެވިއެވެ.
ދެން ފެނިގެން ދަނީ ބައްތެލިކޮޅުން، ސަރ ޖޯން ކޮތެލާވަލާ މާލޭގެ ފާލަންމައްޗަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. އިސްވެ މަރުހަބާދެންނެވީ ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީއެވެ. އެއަށްފަހު ބޮޑުވަޒީރުގެ ނާއިބު އިބްރާހީމް މުޙައްމަދު ދީދީ، ސިލޯނުގެ ވަޒީރު ސަރ ޖޯން ކޮތެލާވަލާގެ ކަރުފުޅުގައި ވަރަށް ރީތިކޮށް އަމުނާފައިވާ މާފައްޗެއް އެޅުއްވިއެވެ. އެއަށްފަހު ފެނިގެން ދަނީ ފާލަންމަތީގައި ތިއްބެވި ބޭބޭފުޅުންނާއި ބޭބޭކަލުންނާ ސަލާމްކުރައްވާ މަންޒަރެވެ. ތަޢާރަފްކޮށްދެއްވަން ހުންނެވީ މުޙައްމަދު އަމީން ދީދީއެވެ. އޭގެފަހުން ދެން ފެންނަނީ ދިވެހި ސިފައިންގެ ބޭންޑުން ޤައުމީ ސަލާމުގެ ރާގުކުޅޭ މަންޒަރެވެ. އެވަގުތު ސަރ ޖޯން ކޮތެލާވަލާއާއި ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީ ޤައުމީ ސަލާމަށް ސަމާލުވެތިއްބަވާ މަންޒަރު ފެނެއެވެ. މުޙައްމަދު އަމީން ދީދީ ހުންނެވީ ސެލިއުޓްވެސް ނަންގަވައިގެންނެވެ. އެއަށްފަހު ސަރ ޖޯން ކޮތެލާވަލާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރ އިންސްޕެކްޓްކުރައްވާ މަންޒަރު ފެނިގެންދެއެވެ.
އެއަށްފަހު ބޮޑުވަޒީރުގެ އަރިހުގައި މުލީއާގެއާ ދިމާއަށް ވަޑައިގަންނަވާ މަންޒަރާއި މަގުގެ ދެފަރާތުގައްޔާއި ނާބުސްޚާނުގެ މަތީގައި ކުޅިބަލާށާއި، މަރުހަބާކިޔަން ތިބި ރައްޔިތުންގެ ކުދިބޮޑު އެންމެން ދިދަހޫރުވައި ޝުޢޫރުފާޅުކުރަމުންދާ މަންޒަރުވެސް ފެނެއެވެ. އެވަގުތު ބޮޑުކޯއްޓޭ ބުރުޒުން ފެށިގެން ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯއްޓާ ހަމައަށް، އަދި ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯށިން ސައްކަރަންޏާ ދޮރޯއްޓާ ހަމައަށް، ޢާއްމުވެގެން ގޮސްފައިވަނީ ދުވަހަކުވެސް މާލެއިން ނުއިވޭފަދަ ވަރުގަދަ އަތްތިލަބަޑި ތެޅުމެއްގެ އަޑުކަމަށްވެއެވެ. ދިވެހީންގެ އެ އިޚްލާޞްތެރި މަރުހަބާގެ ޖަވާބުގައި އަތްޕުޅު ހޫރުއްވަމުން ސަރ ޖޯން ކޮތެލާވަލާ ހިންގަވަމުން ވަޑައިގެންނެވިއެވެ. އޭނާގެ ފަހަތްޕުޅުން ސިލޯނު ވަފުދުގެ އެހެން ބޭފުޅުންވެސް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ސިލޯނުގެ ބަނދަރުގެ ވެރިޔާ ކަރނަލް ހަރނިޔުއާއި، ވިޖެޔާ މަނަވަރުގެ ކެޕްޓަން ލެފްޓިނެންޓް ކޮމާންޑަރ ކަދްރިގަމާރްއާއި، ސަރ ޖޯންގެ ޕްރައިވެޓް ސެކްރެޓަރީ ޑ އޭ.ޓީ.ޑީ. އަލްވިސްއާއި، ސިލޯނުގެ ޚަބަރުފަތުރާ މަޙުކަމާގެ ވެރިޔެއްކަމުގައިވާ ދަނަޕާލާ ހިމެނެއެވެ.
އެއަށްފަހު ވީޑިއޯއިން މާލޭ ބައެއް މަގުތަކާއި ތަންތަނުގެ މަންޒަރުތައް ފެނިގެންދެއެވެ. އޭގެ އިތުރުން ގޭގޭގެ ފާރުމަތީން ބޯދިއްކޮށްގެން ތިބޭ ކުދިބޮޑު އަންހެނުންތަކެއްވެސް ފެނެއެވެ. ދެން ފެންނަނީ ހުޅުލޭގެ މަންޒަރުތަކެކެވެ. މިމަންޒަރާ ހަމައަށް ދިޔުމުގެ ކުރިން ވީޑިއޯއިން ނުފެންނަ، އެހެންނަމަވެސް އެ ދުވަހުގެ އެހެނިހެން ބައެއް ވާހަކަތައް ހިމަނާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލެވެނީ ބަނދުރުމަތީގައި އޮތް މަރުހަބާދެންނެވުމުގެ ޙަރަކާތަށްފަހު މުލީއާގޭގައި ދެންނެވުނު އިސްތިޤްބާލެވެ. މުލީއާގޭގައި އޮތް އިސްތިޤްބާލަކީ ވަލީ ކޮމެޓީގެ މެންބަރުން ކުރެއްވި އިސްތިޤްބާލެކެވެ. އާދެ ވަލީ ކޮމެޓީގެ ރައީސް އަދި ވަޒީރުލްއަޢުޡަމް މުޙައްމަދު އަމީން ދީދީއާއި ކޮމެޓީގެ އަނެއް ދެ މެންބަރުން ކަމުގައިވާ ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރިކިލެގެފާނާއި ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުގެ ފަރާތުން ކުރެވުނު އިސްތިޤްބާލެވެ. އެއަށްފަހު މުޙައްމަދު އަމީން ދީދީ އަރިހުގައި ކާރުކޮޅުގައި ސަރ ޖޯން ވަޑައިގެންނެވީ އަތިރީގެއަށެވެ. އެދުވަހުގެ މުހިއްމު ކަމަކަށް ދެން އޮތީ މުޙައްމަދު އަމީން ދީދީގެ އަރިހުގައި ސަރ ޖޯން ކޮތެލާވަލާ މާލޭގައި ހުންނަ ސަރުކާރުގެ އެކިއެކި އޮފީސްތައް ބައްލަވާލައްވަން ވަޑައިގެންނެވުމެވެ. މިގޮތުން ވަޑައިގެންނެވި އޮފީސްތަކުގެ ތެރޭގައި ވަޒީރުލްއަޢުޡަމްގެ އޮފީހާއި، ބޮޑުބަނޑޭރިގެއާއި، ވުޒާރަތުއްދާޚިލިއްޔާއާއި، ކަސްޓަމްސްއާއި، އިބްރާހީމިއްޔާއާއި، ސިފައިންގެގެއާއި، ފަނޑިޔާރުގެއާއި، ޗާޕުޚާނާ ހިމެނެއެވެ. އެއަށްފަހު އެދުވަހުގެ މެންދުރުން އަނބުރާ އެއްގަޑި ފަނަރާގައި އަތިރީގޭގައި ނުރަސްމީ ފަރީއްކޮޅެއް އޮތެވެ.
ސިލޯނުގެ ޓްރާންސްޕޯޓް އެންޑް ވަރކްސް މިނިސްޓަރު ސަރ ޖޯން ކޮތެލާވަލާގެ ޝަރަފުގައި، ދިވެހިރާއްޖޭގެ ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީ ދެއްވި ހަވީރުގެ ރަސްމީ ސައި ޕާޓީ އޮތީ ނާދީ ތަމައްދުންގެ އިމާރާތުގައެވެ. އެތަނަކީ މިހާރުގެ ޤުރުއާނާބެހޭ މަރުކަޒު އެހުންނަ އިމާރާތެވެ. މި ސައި ޕާޓީގައި ދެއްކުނު ވާހަކަތަކުގައި ދިވެހިރާއްޖޭގެ ބޮޑުވަޒީރުގެ ފަރާތުން ސިލޯނުގެ ވަޒީރަށާއި، ވަޒީރުގެ އަރިހުގައި ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށްފަހު، ސިލޯނުގެ ބޮޑުވަޒީރުގެ ފަރާތްޕުޅުންނާއި، ސިލޯނު ސަރުކާރުން ދިވެހި ދައުލަތަށް ލިބެމުން ދިޔަ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އެއަށްފަހު ސިލޯނުގެ ވަޒީރު ދެއްކެވި ވާހަކަފުޅުގައި އޭނާގެ ރަހުމަތްތެރީންގެ ފަރާތުން އިވުނު ވާހަކައިންނާއި އޭނާއަށް ކުރީއްސުރެ އެނގިފައި އޮތް ގޮތުން މާލެއަކީ ސިލޯނުގެ ޖާއެލަ ކަހަލަ ކުޑަކުޑަ ދަށުދަރަޖައިގެ ތަނެއް ކަމަށާއި، އެހެންނަމަވެސް އޭނާއަށް މާލެ ފެނުނީ އެވާހަކަތަކާ ޚިލާފަށްކަމަށާއި، މާލެއާ މަނަވަރު ކައިރިވީއްސުރެ އޭނާއަށް ފެންނަމުން މިދާ މަންޒަރުތަކުން އޭނާ ހައިރާންކޮށްލީ ދުވަހަކުވެސް އޭނާ ހައިރާންނުވާ ފަދަ މަތިވެރި ދަރަޖައަކަށް ކަމަށް ވިދާޅުވިއެވެ. އަދި ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ސިލޯނުގެ ބޮޑުވަޒީރުގެ ޚާއްޞަ މެސެޖެއްވެސް ދެއްވިއެވެ. އެ މެސެޖަކީ ސިލޯނާއި ދިވެހިރާއްޖެެއާއި ދެމެދު ވަރުގަދަ އެކުވެރިކަމެއް ދެމިއޮތުމަށް އެދޭ ވާހަކައާއި، ސިލޯނު ސަރުކާރުގެ ފަރާތުން ދިވެހި ދައުލަތަށް ވެދެވޭން އޮތް ކޮންމެ އެހީތެރިކަމެއް ވެދޭނެކަމުގެ ޔަޤީންކަމެވެ. މި ސައިޕާޓީގެ ތެރޭގައި ސިލޯނުގެ ބޮޑުވަޒީރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަށް ދެއްވި ރަމްޒީ ހަދިޔާއަކާއި ސަރ ޖޯން ކޮތެލާވަލާގެ އަމިއްލަ ހައިސިއްޔަތުން ބޮޑުވަޒީރަށާއި ވަލީ ކޮމެޓީގެ މެންބަރުންނަށް ޚާއްޞަ ރަމްޒީ ހަދިޔާއެއް އެރުވުން އޮތެވެ.
އެދުވަހުގެ ރޭގަނޑު ނާދީ ތަމައްދުނުގައި ރަސްމީ ފަރިއްކޮޅެއް އޮތެވެ. މި ފަރީއްކޮޅުގައިވެސް ހަވީރުގެ ސައިޕާޓީގައި އޮތްފަދައިން، ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީއާއި ސިލޯނުގެ ވަޒީރު ސަރ ޖޯން ކޮތެލާވަލާގެ ވާހަކަފުޅުދެއްކެވުން އޮތެވެ. މިގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި ސިލޯނާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް ވާހަކަދެއްކެވިއެވެ. މުޙައްމަދު އަމީން ދީދީގެ ވާހަކަފުޅުގައި ކޮއިމަލާ ކަލޯގެ ވާހަކައިގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ކޮއިމަލާގެ އަނބިކަނބަލުންނަކީ ސިލޯނުގެ ރަސްގެފާނުގެ ދަރިކަނބަލުންކަމަށާއި އެދެކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ސިލޯނަށް އުޅަނދުފަހަރު ފޮނުއްވައިގެން ދިވެހިރާއްޖެއަށް ލަންކާ މީހުން ގެނައި ގޮތުގެ ވާހަކައެވެ. ދިވެހީންނާއި ސިލޯނުގެ ސިންގަޅައިން، ހަށިގަނޑުންނާއި ވާހަކަދައްކާ ބަހުރުވައިން ގުޅިފައިވާ ގުޅުމުގެ ވާހަކައެވެ. ސިލޯނުގެ ވަޒީރުގެ ވާހަކަފުޅުގައި ވެސް މި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ސިންގަޅައިންގެ ތެރޭގައި ކިޔޭ ވާހަކައެއްގައި ލަންކާއަށް އެންމެ ފުރަތަމަ ދިޔަ މީހުންގެ ތެރޭގައި އެކަކީ މަލާކަމަނާއޭ ނަމަކަށް ކިޔުނު، ނުލާހިކު ރީތި ދިވެހި އަންހެނެއް ކަމަށް ބުނާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުވެސް ސިންގަޅައިންނާއި ދިވެހީން ބަލާލާފައި ވަކިކުރަން ނޭނގޭ ކަމަށާއި، އޭނާއާ މީގެ ކުރީން ދުވަހަކުވެސް ދިމާވެފައިނުވާ އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނު، ވިޖެޔާ މަނަރުން ފެނިވަޑައިގެންނެވުމުން އޭނާ ހީފުޅު ކުރެއްވީ އެއީ ސިލޯނުގެ އިހުގެ އެޑިއުކޭޝަން މިނިސްޓަރ ކަންނަންގަރާގެ ކޮއްކޮއެއް ކަމަށެވެ. ދެބޭފުޅުންގެ ވާހަކަފުޅުވެސް ނިންމަވާލެއްވީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަދި އެއް ޤައުމުން އަނެއް ޤައުމަށް ޝުކުރުއަދާކުރެއްވުމަށްފަހުގައެވެ.
ރޭގަނޑުގެ ރަސްމީ ފަރިއްކޮޅަށްފަހު ދެދޮރާށި ދޭތެރޭގައި މާލޭގެ މަދަރުސާ ކުދީންނަށް ޚާއްޞަ ބައިސްކޯފު ދެއްކުން އޮތެވެ. މިއީ ސިލޯނުގެ ވަޒީރު ސަރ ޖޯން ކޮތެލާވަލާ ދެއްކެވި ޚާއްޞަ ބައިސްކޯފެކެވެ. ދެއްކުނު ވީޑިއޯތަކުގެ ތެރޭގައި ސިލޯނަށް މިނިވަންކަން ލިބުނު ފުރަތަމަ އަހަރު ފުރުނު ދުވަހު ހިނގި ރަސްމީ ކަންތައްތައް ދައްކައިދިން ފިލްމަކާއި، ސިލޯނުގައި އުޅޭ ބައެއް ޖަނަވާރުތައް ދައްކުވައިދިން ފިލްމަކާއި، މިސްރުގެ މަޝްހޫރު ނެށުންތެރިޔާ ޒޫޒޫ މުޙައްމަދުގެ ނެށުން ދައްކުވައިދޭ ފިލްމެއް ހިމެނެއެވެ.
ޖެހިގެން އައި މޭ 8 ވަނަ ދުވަހުގެ ހެނދުނު ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީގެ ގެކޮޅުގެ ގޯތިތެރޭގައި ސަރ ޖޯން ކޮތެލާވަލާގެ ވަފުދަށް ދިވެހީންގެ ބައެއް މަސައްކަތްތައް ދައްކާލުމަށްޓަކައި ޚާއްޞަ މައުރަޒެއް ބޭއްވުނެވެ. މިގޮތުން އަތްކަންކުރުމާއި، ދިގުހަރު ލިޔުމާއި، ދެފަށްލާޖަހައި ކުރެހުމާއި، ގެތުމާއި، ރޯނުވެށުމާއި، ފަންގިވިނުމުގެ މަސައްކަތް ދައްކާލެވުނެވެ. މި ވީޑިއޯއިންވެސް މުރާލި ދިވެހި އަންހެނުންނާއި ފިރިހެނުން މިތަނުން ބައެއް މަސައްކަތްތައް ކުރަމުންދާ މަންޒަރު ފެނިގެން ދާނެއެވެ. މަސައްކަތް ދައްކާލުމަށްޓަކައި ހުރިހާ އެންމެންވެސް ލައިގެން ތިބީ އެޒަމާނުގެ ދިވެހީންގެ ޢާއްމު ދިވެހިވަންތަ ހެދުމެވެ. އެއްބައި އަންހެނުން ކަސަބުބޯޅާއި، ފޮތިބޯވަޅު އެޅި ދިވެހިލިބާސް ލައިގެން ފޭލި އަނދެގެންނެވެ. ބައެއް މީހުންގެ ބޮލުގައި ނަލަ ބުރުގާ އަޅާފައި ހުއްޓެވެ. އަނެއްބައި އަންހެނުން ތިބީ އެޒަމާނުގައި ތަޢާރަފްކުރެވި ޢާއްމުކުރެވުނު ފާސްކުރި ހެދުމުގައެވެ. އާދެ، މިހާރުގެ ގޮތުންނަމަ ދިގުހެދުމުގައެވެ. އެއާއެކު ބޮލުފޮތިކޮޅުވެސް އަޅައިގެންނެވެ. ފިރިހެނުން ލައިގެން ތިބީ އެދުވަސްވަރުގެ ޢާއްމު ފިރިހެން ލިބާހެވެ. އެއާއެކު އަނދެގެން ތިބީ މުންޑެވެ. ކޮންމެ މީހެއްގެ ބޮލުގައިވެސް އެޒަމާނުގައި ޢާއްމުކޮށް އަޅައިއުޅުނު ފާޑުގެ ތާކިހަލެއް އޮތެވެ.
އާދެ، ދިވެހީންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒު ބައްލަވާލެއްވުމަށްފަހު ސަރ ޖޯން ކޮތެލާވަލާގެ ވަފްދު ދެން ވަޑައިގެންނެވީ ހުޅުލެއަށާއި ދުނިދޫއަށެވެ. އެ ދެރަށް ބައްލަވައިލެއްވުމަށް ދެގަޑިއެއްހާއިރު ހޭދަކުރެއްވުމަށްފަހު މެންދުރުވާން ކައިރިވެފައިވަނިކޮށް އެބޭފުޅުން މަނަވަރަށް އެނބުރި ވަޑައިގެންނެވިއެވެ. މި ވީޑިއޯއިން މަސައްކަތްތެރިކަން ދައްކުވައިދޭ މައުރަޒުގެ ކުރިން އެފެންނަނީ ހުޅުލޭގެ މަންޒަރުތަކެވެ. ހުޅުލެއަކީ އޭރު މީހުން ދިރިއުޅުނު ރަށެކެވެ. އޭރު އަދި އެއާޕޯޓެއް ނަހަދައެވެ. މަނަވަރަށް ވަޑައިގެންނެވުމަށްފަހު ސަރ ޖޯން ކޮތެލާވަލާ، ދިވެހިރާއްޖޭގެ ބޮޑުވަޒީރަށް ދެއްވި މެންދުރުގެ ޚާއްޞަ ފަރީއްކޮޅެއް މަނަވަރުގައި އޮތެވެ. މި ފަރީއްކޮޅުގައި ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީގެ އިތުރުން ވަޒީރުއްޒިރާޢާ އިބްރާހީމް މުޙައްމަދު ދީދީ އާއި ވަޒީރުއްޞިއްޙާ އަޙްމަދު ޙިލްމީ ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު އެދުވަހުގެ ހަވީރު ހަތަރެއްޖެހި އިރު ވިޖެޔާ ރާއްޖެއިން ފުރައިގެން ކޮޅުނބާ ދިމާލަށް މިސްރާބުޖެހިއެވެ.
ސިލޯނުގެ ޓްރާންސްޕޯޓް އެންޑް ވަރކްސް މިނިސްޓަރު ސަރ ޖޯން ކޮތެލާވަލާގެ މިދަތުރުފުޅުގެ ވީޑިއޯއިން އަޅުގަނޑުމެންނަށް ކުރިން ވީޑިއޯއަކުން ފެނިފައިވާ ނުވާ ނިކަން ހިތްގައިމު އަދި ނުހަނު ތާރީޚީ މަންޒަރުތަކެއް ފެނިގެން ހިނގައްޖެއެވެ. އެކަމަށްޓަކައި މި ވީޑިއޯ އަޅުގަނޑުމެންނަށް ފެންނާނެހެން ޔޫޓިއުބަށް ލާފައިވާ އަނޫޝާ ޕަލްޕިޓާއަށް ޝުކުރުވެރިވަމެވެ.
ރިފަރެންސް: ސަރުކާރުގެ ޚަބަރު، 1 ރަމަޟާން 1370 ހ.