ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ މެޑިކަލް ފްލޯއަޕަކަށް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ އެމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އެމަހުގެ 23 ވަނަ ދުވަހު ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.

ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 15 ދުވަސް ފަހުން، މާޗް ހަވަނަ ދުވަހުއެވެ.