ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން ރާއްޖޭގައި އިންވެސްޓްކޮށް ވިޔަފާރި ކުރިއެރުވުމާބެހޭގޮތުން މަޝްވަރާ ކޮށްފިއެވެ.
މިކަމާބެހޭގޮތުން މަޝްވަރާކޮށްފައި ވަނީ ހަތަރުވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގް، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި އީޔޫ ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
އީޔޫގެ ވަފްދުގެ މި ޒިޔާރަތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތައް ވަނީ ހިއްސާ ކޮށްފަ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.
މި ބައްދަލުވުގައި، ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ކާމިޔާބީތަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގް އަކީ ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާކޮށް އެކި ދާއިރާތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޑައިލޮގްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ފޮރިން މިނސްޓަރު އަބްދުﷲ ޝާހިދެވެ. އީޔޫގެ ފަރާތުން އިސްބޭފުޅަކަށް ހުންނެވީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުން ލައި މާރގެވެ.