ޅ. ނައިފަރުގައި އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ''ޖުވެނައިލް'' އިން އެރަށުގައި ފަތާ ފެންގަނޑެއް ހެދުމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުމުން ހުއްދަ ދެވެންނެތް ކަމަށް މިއަދު އަންގައިފިއެވެ.
ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ކާރިމް ސޮއިކުރައްވައި، ޖުވެނައިލް ޖަމްއިއްޔާގެ ޗެއާޕާސަން ތޯރިގު އަހުމަދަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެރަށު ދެނުކު ފަރާތުގައި ފަތާ ފެންގަނޑެއް ހެދުމަށް މިދިޔަ ފެބްރުއަރީ މަހުގެ 19 ގައި އެދިފައިވާކަމަށެވެ.
ނަމަވެސް ސިޓީއާ ގުޅިގެން ކައުންސިލުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ސަރަހައްދަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ނައިފަރުގައި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުމަށް ނިންމާފައިވާތީ، އެ ޖަމުއިއްޔާއަށް ހުއްދަ ދެވެން ނެތް ކަމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ނައިފަރު ކައުންސިލުގެ އެ ނިންމުމާއި ގުޅިގެން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ޖަމްއިއްޔާގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދު ވިދާޅުވީ ނައިފަރުގައި ފަތާ ފެންގަނޑެއް ހެދުމަށް އެޖަމްއިއްޔާއިން ނިންމީ ރަށުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
އަދި އެކަމަކީ އެއްވެސް ފަރާތެއްގެ އެހީއެއް ނެތި އެޖަމްއިއްޔާގެ ހަރަދުގައި ހިންގާ މަޝްރޫއެއް ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލަށް ގެއްލުން ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި އެފަދަ ހަރަދެއް ކުރުމުގެ ގާބިލުކަން ކައުންސިލުގައި ނެތް އިރު، ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ އެމަޝްރޫއު ހިންގަން ހުއްދަ ނުދިނުމަކީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ.
އެގޮތުން ކައުންސިލުގެ ރައީސް މުހައްމަދު ކާރިމްއަކީ އެޖެންޑާ 19 ގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށާއި އެމަޝްރޫއު ހިންގައިފިނަމަ ކާރިމަށް އޮތް ހަނި ފުރުސަތުވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާތީ ނިންމާފައިވާ ވަރަށް ނާތަހުޒީބު ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ ފަތާ ފެންގަނޑު ހެދުމަށް އެޖަމްއިއްޔާއިން ފަސްލައްކައަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ރަށަށް ގެނެސްފައިވާކަމަށާއި މިއީ ޖަމްއިއްޔާގެ އިތުރުން ރައްޔިތުންނަށް ކައުންސިލުން ދިން އަނިޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އެސިޓީގައި ވަނީ މީގެކުރިން އެޖަމުއިއްޔާއަށް އަންގާފައިވާ އެންގުންތަކަށް ބޯލެނބުމަށް ވެސް އެދިފައެވެ.
އެކަމާ ގުޅޭ ގޮތުން މުހައްމަދު ވިދާޅުވީ 2012 ވަނަ އަހަރު އެޖަމްއިއްޔާއަށް ނައިފަރުން ބިމެއް ދޫކޮށްފައިވާކަމަށާއި އެބިން ހުސްކުރުމަށް ކައުންސިލުން މީގެކުރިން އަންގާފައިވާކަމަށެވެ.
އަދި އެބިމަކީ ދިގު މުއްދަތަަށް ކައުންސިލުން ދޫކޮށްފައިވާ ބިމެއް ކަމަށާއި ބިމުގެ މައްސަލައިގައި އެފަރާތުން ވެފައިވާ އެއްބަސްވުމެއްވެސް އެބަ އޮތް ކަމަށެވެ.
ނައިފަރު ޖުވެނައިލް ޖަމުއިއްޔާއަކީ 31 އޮކްޓޯބަރު 2000 ގައި އުފެއްދި ޖަމުއިއްޔާއެކެވެ. އެޖަމްއިއްޔާއިން ވަނީ ޒުވާނުންނަށް އެންމެ ހަރަކާތްތެރި ޖަމުއިއްޔާގެ އެވޯޑް 2008 ގައި ހޯދާފައެވެ.
އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމް 2017 ވަނަ އަހަރު އެޖަމްއިއްޔާއިން ހޯދާފައިވެއެވެ.