މުހައްމަދު އައުޒަމް
ފަސްވަނަ މޯލްޑިވްސް މެރިން އެކްސްޕޯ، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނުލޮޖީ މިނިސްޓްރީއިން އެންޑޯސް ކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނުލޮޖީގައި މިއަދު ބޭއްވި ރަސްމިއަޔާތުގައި މޯލްޑިވްސް މެރިން އެކްްސްޕޯ އެންޑޯސް ކުރިކަމުގެ ސިޓީ ހަވާލުކޮށްދެއްވީ މިނިސްޓަރ މަލީހްއެވެ. ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ފަރާތުން އެންޑޯސްމަންޓް ސިޓީއާ ހަވާލުވެވަޑައިގަތީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް ހަމީދުއެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް މެރިން އެކްސްޕޯގެ މިއަހަރުގެ އޯގަނައިޒަރ ބްލަކް ގެ ފަރާތުން، މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހުޝާމް ވަނީ މިނިސްޓްރީ އަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މިއަހަރުގެ މޯލްޑިވްސް މެރިން އެކްޕޯގެ ތީމް އަކީ މެރިން ޓެކްނޮލޮޖީއެވެ. މިފަހަރުގެ އެކްސްޕޯގައި މެރިން ޓެކްނޮލޮޖީ ތީމްގެ ދަށުން، ކަމުގެ ތަޖުރިބާކާރުންގެ އެހީގައި މެރިން އިންޑަސްޓްރީގެ އެކި ދާއިރާތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެވިދާނެ ކުރިއެރުންތައް ދިރާސާކުރާނެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ އަކީ މެރިން އިންޑަސްޓްރީގެ އެކި ދާއިރާތަކުން އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި އެފަރާތްތަކުގެ ހިދުމަތް، އެއްތަނަކުން ދައްކާލުމަށް ކުރިޔަށް ގެންދާ އެކްސްޕޯ އެކެވެ.
ފާއިތުވެދިޔަ އެކްސްޕޯ ތަކުގައި މި ދާއިރާގައި ހިދުމަތްދޭ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި ބޭރުގެ ކުންފުނިތަކުންވެސް، އެކުންފުނިތަކުގެ ޕްރޮޑަކްޓްތަކާއި އެފަރާތްތަކުގެ ހިދުމަތްތައް އެކްޕޯއިން ދައްކާލާފައެވެ.
ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އަކީ ރާއްޖޭގެ ލިވްއަބޯޑް އިންޑަސްޓްރީގެ އެކި ދާއިރާތަކުން، ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމީ ޖަމިއްޔާއެކެވެ. މޯލްޑިވްސް މެރިން އެކްސްޕޯއަކީވެސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންއިން މިދާއިރާ ކުރިއެރުވުމަށް ކުރިޔަށްގެންދާ ފާހަގަކޮށްލެވޭ އެކްސްޕޯއެކެވެ.