ޚަބަރު

އަރުޝަދު ބަންދުން ދޫކޮށްލި ފުލުސް އޮފިސަރުންގެ މައްސަލަ ބަލަން ޕީޖީން އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފި

ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ) ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ހިލާފަށް ފުލުހުން އަރުޝަދު ދޫކޮށްލާފައިވާތީ އެކަމުގައި ޝާމިލުވި ފުލުހުންގެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފިއެވެ.

ފިލައިގެން އުޅެނިކޮށް އަވަށްޓެރި ސްރީ ލަންކާއިން ޑީޕޯޓުކޮށްލުމުން އަރުޝަދު ރާއްޖެއިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ލަންކާއިން ޑީޕޯޓްކޮށްލުމުގެ ކުރިން އަރުޝަދު ދިރިއުޅެމުންދިޔައީ ދުބާއީގައެވެ.

އަރުޝަދަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އެ އަހރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ 2020 މާޗް މަހުގެ ތެރޭގައެވެ.

އެ އަމުރު ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ފްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ އަރުޝަދެވެ.

ނަމަވެސް ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އަރުޝަދު ރާއްޖެ އައުމުން ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް ކަމަށް ބުނެ އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓުގައި ރޭ ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލީ ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް ނިންމި ނިންމެވުމުގައި ވަނީ، އަރުޝަދު ބަންދުގައި ބަހައްޓައިގެން ރޭ 7:45 އަށް އެ ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ އަމުރާ ހިލާފަށް ރޭ 7:08 ގައި ފުލުހުން އަރުޝަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އަރުޝަދު ބަންދުން ދޫކޮށްލާފައިވާކަން އެނގުނީ އޭނާ ބަންދުން ދޫކުރި ލިޔުން އޭނާގެ ފަރާތުން ހައިކޯޓާ ހިއްސާކުރުމުންނެވެ. އެހެންވެ އަރުޝަދު ހައިކޯޓަށް ހާޒިރުކުރީ ބަންދުގައި ހުރި މީހެއްގެ ގޮތުގައި ކަމަށް ނުވާތީ އޭނާގެ ބަންދު އަމުރާމެދު ހައިކޯޓުން ގޮތެއް ނިންމޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު، އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ފުލުހުންނަށް ދީފައިވާނެ ކަމަށާއި ނަމަވެސް އަރުޝަދު ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށެވެ.

އަދި އަރުޝަދު ބަންދުން ދޫކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެ އޮފީހުގެ ލަފައަކަށް އެދިފައި ނުވާ ކަމަށާއި އެކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަވެސް ޕީޖީން ބުންޏެވެ.

"..އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފައެވެ. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައެވެ." ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން އިތުރަށް ބުނީ، އަރުޝަދު ބަންދުން ދޫކޮށްލި މައްސަލާގައި ފުލުހުންތަކެއް ގޯސްތަކެއް ހަދައިފައިވީނަމަވެސް އެ މައްސަލަ

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ. ހައިކޯޓުންވެސް ވަނީ އެ މައްސަލަ ޕީޖީއަށް އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

ހައިކޯޓުން އިއްޔެ ވަނީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތް ނަމަ އެ ލިޔުމެއްވެސް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ބޭނުމެއްގައި ދާނަމަ އެކަން ކޯޓަށް އަންގައި ލިޔުމުން ހުއްދަ ހޯދުމަށްވެސް އަމުރުކޮށްފައިވެއެެވެ.