ޚަބަރު

މަޖިލިސް ކެމްޕެއިނަށް ރައީސް ސޯލިހު ނ ވ އަދި ޅ އަތޮޅަށް ވަޑައިގަންނަވަނީ

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނ، ވ އަދި ޅ އަތޮޅަށް ވަޑައިގަންނަވާނެކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އަފްޝަން މިހެން ވިދާޅުވީ އެމްޑީޕީ އިން މަޖިލީހުގެ ކެމްޕެއިނަށް ހިންގާ އެކި ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭނާ ވިދާޅިވީ މި އަތޮޅުތަކަށް ރައީސް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ އިތުރުން އަންނަ ހަފްތާގައި ކަމަށެވެ.

އެގޮތުން އަންނަ ބުރާސްފަތި ދުވަހު ވ އަތޮޅަށް، ހުކުރު ދުވަހު ޅ އަތޮޅަށް، އަދި ހޮނިހިރު ދުވަހު ނ އަތޮޅަށް ރައީސް ވަޑައިގަންނަވާނެކަމަށް އަފްޝަން ވިދާޅުވިއެވެ. މި ދަތުރުތަކުގައި ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ.

ރައީސް ސޯލިހު މަޖިލީހުގެ ކެމްޕެއިނަށް ތިން އަތޮޅަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން ރައީސް ސޯލިހު ވަނީ އައްޑު އަތޮޅާއި ކ އަތޮޅު ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ ކެމްޕެއިން އިވެންޓް ތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ.