ހިޔާ މަޝްރޫއުގެ ދަށުން އާއިލާއަށް ނިސްބަތްވާ 10 ފަރާތަކަށް ފްލެޓް ލިބިފައިވަނީ އެމީހުންގެ ޝަރުތުހަމަވުމުން ކަމަށާއި އެއީ މަގާމުގެ ނުފޫޒު ފޯރުވައިގެން ނޫންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ޔަޒީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި އޭނާގެ އާއިލާގެ މެމްބަރުންނަށް ފްލެޓް ލިބިފައިވަނީ އޭނާ އެކަމަށް ނުފޫޒު ފޯރުވައިގެންކަމަށް ދޭހަވާ ގޮތަކަށް ޝާއިރުކޮށްފައިވާ ހަބަރަކާއި ގުޅޭ ގޮތުން އާންމުކުރި ނޫސް ބަޔާނެއްގައެވެ. މިގޮތުން ޓީޗަރުންނާއި އެއް ކޮޓަރި ކެޓަގަރީއިން ފޯމު ހުށަހެޅި އެންމެނަށް ފްލެޓް ލިބުން އިރު، އެ ދެ ކެޓަރީގައި އާއިލާގެ ދެ މެމްބަރަކު ހިމެނޭކަމަށް ވުމުން އެދެމީހުންނަށް ފްލެޓް ލިބިފައިވާ ކަމަށް ޔަޒީދު ހާމަކުރެއްވި އެވެ.
މީގެ އިތުރުން ދެން ފްލެޓަށް ކުރިމަތިލާ ފްލެޓް ހޯދި 8 އާއިލާ މެމްބަރުންނަކީ މާލޭގައި ކުށްޔައް ދިރިއުޅޭތާ އެތަށް އަހަރެއް ވެފައިވާ، އަދި މާލޭގައި ވަޒީފާ އުޅެތާ އެތައް އަހަރުތަކެއް ވެފައިވާބައެއްކަން ޔަޒީދު ފާހަގަކުރެއްވިއެވެ. އަދި އެމީހުންނަކީ ދަރިންތިބި މީހުންކަމާއި، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކުވެސް ހިމެނޭ ކަމަށް ޔަޒީދު ހާމަކުރެއްވިއެވެ.
މި ބަޔާނުގައި ޔަޒީދު ވަނީ ވަކިވަކިން އޭނާއާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތްތައް މާލޭގައި އުޅެފައިވާ އަހާރާއި، މާލޭގައި ވަޒީފާ އަދާކުރާތާ ވީ މުއްދަތުގެ އިތުރަށް އެމީހުންނަށް ލިބިފައިވާ ދަރިންގެ އަދަދު ހާމަކޮށްފައެވެ. މީގެ އިތުރުން އޭނާއަކީ 200 އަށްވުރެ ގިނަ މީހުން އެކުލެވޭ ބޮޑު އާއިލާއަކަށް ނިސްބަތްވާ މީހެއްކަމަށް ޔަޒީދު ހާމަކުރެއްވިއެވެ. އަދި އޭނާގެ ރަޖިސްޓްރީ އޮންނަ ގޭގައި އޭނާގެ އިތުރުން 37 މީހެއްގެ ރަޖިސްޓްރީ އޮންނަކަމަށް ޔަޒީދު ވިދާޅުވިއެވެ. މިތަނުން 8 މީހަކަށް ފްލެޓް ލިބުމުން އެމީހުންނަށް ފްލެޓް ލިބުނީ އޭނާ އެކަމަށް ނުފޫޒު ފޯރުވައިގެންނޭ ބުނެ ދައްކާ ވާހަކަތަކަކީ ބަޔަކު އޭނާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތެއްކަމަށް ޔަޒީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އޭނާ ހުރުމުން އޭނާގެ އާއިލާގެ ބަޔަކަށް ލިބެންޖެހޭ ހައްގަކުން އެމީހުން މަހުރޫމް ވާން ނުޖެހޭކަމަށް ޔަޒީދު ވިދާޅުވިއެވެ. އަދި ނޫސްވެރިންގެ ޒިންމާ އެކަކު އަނެކަކުގެ ހައްގުތައް ނުގެއްލޭނެފަދަ ގޮތަކަށްކުރިއަށް ގެންދިއުމަށް ޔަޒީދުވަނީ އިލްތިމާސްކުރައްވާފައެވެ.