މިސަރުކާރަށް މުހިއްމީ ހަމައެކަނި ފުޓްބޯޅަ ނޫން ކަމަށާއި، ހުރިހާ ކުޅިވަރެއްވެސް މުހިއްމު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަދި ވަގުތީ ގޮތުން ޔޫތު މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޔޫތް އެންޑް ސްޕޯޓް މިނިސްޓްރީ އާއި މެދު ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ހުރިހާ ކުޅިވަރެއްވެސް މުހިއްމު ކަމަށާއި ވަކިވަކިން ހުރިހާ އެސޯސިއޭޝަންތަކުގެ ހާލަތު ދެނެގަނެފައިވާ ކަމަށެވެ. އަދި ވަކިވަކީން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ މިހާރު ބައްދަލުކުރައްވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަން ތަކަށް ސަރުކާރުން އެހީތެރިވެދިނުމުގެ އިތުރަށް ސްޕޯޓް މިނިސްޓްރީން މީޑިއޭޓަރެއްގެ ގޮތުގައި އޮވެ އެސްއޯއީ ތަކުން ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުޅިވަރު ދަނޑުތަކާއި އާންމުންނާ ގުޅުމެއް ނޯންނަ ކަމަށާއި، ރާއްޖޭގެ ކުޅިވަރު ދަނޑުތަކަށް އާންމުން ނުދާ ސަބަބު ހޯދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އާ ސަރުކާރު އައުމާއެކު ސަރުކާރުގެ މިނިސްޓަރުން ބަދުނާމުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ކަންކަން އެޅޭ ގޮތަށް ވާހަކަދައްކައި ސަރުކާރަށް ކަމެއް ކުރުމަށް ނުފެށެނީސް ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކާ ކަމީ އެކަމާ ހިތާމަ ކުރައްވާ ކަމެއްކަމަށާއި އެކަން ކުށްވެރިކުރާކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.