ބައި ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހެއްގެ މައްޗަށް ޑުރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ދައުވާއަކީ 29 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ ހަވީރު 4:00 ހާއިރު، ހއ. ކެލާ/ ސަންޝައިން، އާދަމް ސަމޫހް، ދިރިއުޅޭ ގ. ހޭވަންގޭގެ ފަސްވަނަ ފްލޯގައި އޭނާ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރަކާއެކު ފުލުހުން އެ ދުވަހުގެ ރޭ 7:00 ހާއިރު، އެ ގޭގެ ފަސްވަނަ ފްލޯގެ 504 ނަންބަރު އެޕާޓްމަންޓަށް ވަދެ، ސަމޫހް އެގޭގެ ސިޓިންރޫމްގެ ވައިގޮޅި ކުޑަދޮރު ކައިރީ ހުއްޓައި، ކޯޓު އަމުރު އޭނާއަށް ދައްކައި އޭނާ ހައްޔަރުކުރުމަށްފަހު، އެ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު، އޭނާގެ ލައިގެން ހުރި އަންނައުނުން ފެނުނު ޑްރަގާއި އެ ގޭތެރެއިން ފެނުނު ޑްރަގާއި އެ އެޕާޓްމަންޓާ އިންވެގެން ހުރި ގ. ވޯޓަލޫ ގޭގެ ފުރާޅު، އެގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބެލި އިރު، އެތަނުން ފެނުނު ޑްރަގާއެކު މުޅި އޮޕަރޭޝަންގައި ފެނުނު ޑްރަގުގެ ބަރުދަނުގައި 499.7997 ގްރާމް ހުރުމާއި އެތަކެތި ކެނިބިސްއަށް ޕޮޒިޓިވްވެފައިވާތީ އާއި ސަމޫންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރުވެސް ކެނިބިސްއަށް ޕޮޒިޓިވްވެފައިވާތީ ދައުލަތުން އޭނާގެ މައްޗަށް ކުރި ކެނިބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނިބަސް ބޭނުންކުރުމުގެ ދައުވާއެވެ.
މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން ކެނިބިސް ޓްރެފިކް ކުރުމުގެ އަސާސީ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މި ދައުވާގެ އިބްތިދާއީ މަރުހަލާގައި ސަމޫހް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންވެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 23 ހެއްކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި ކްރައިމް ސީންއަށް ދިޔަ ފުލުހުންނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުތަކާއި ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓުތަކާއި ފިންގާޕްރިންޓް ކޮންޕެރިސަން ރިޕޯޓާއި މޯބައިލް ފޮރިންސިކް ރިޕޯޓާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓް ހިމެނެއެވެ.
އެ ދައުވާއިން ސަލާމަތްވުމަށް ސަމޫންގެ ފަރާތުން ހުށަހެޅީ ތިން ހެއްކެކެވެ. ނަމަވެސް ދައުލަތުގެ ބައެއް ހެކީންގެ ހެކިބަސް ނަގާ ނިންމާފައިވަނިކޮށް، ސަމޫން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި އޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އޭނާ ސޮއިކުރީ 10 ސެޕްޓެމްބަރު 2020 ވަނަ ދުވަހުއެވެ.
ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ، ދައުލަތުން ވަނީ ސަމޫހްގެ މައްޗަށް ކުރި ކެނިބިސް ބޭނުންކުރުމުގެ ދައުވާ އަނބުރާ ގެންގޮސްފައެވެ. އިއުތިރާފު އެއްބަސްވުމެއް އޮތުމުން އެ މައްސަލަ ކުރިއަށްގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް ސަމޫހް ވަނީ އިއުތިރާފު ދަމަހަށްޓައިފައެވެ.
އެހެންވެ އެ މައްސަލަ ބައްލެވި ގާޒީ އާދަމް މުހައްމަދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ، ސަމޫހްގެ މައްޗަށް އުފުލި ކެނިބިސް ޓްރެފިކް ކުރުމުގެ ދައުވާ އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ނަމަވެސް އެ މައްސަލާގައި ސަމޫހް އެއް އަހަރާއި 11 މަހާއި 12 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭނީ ދިހަ އަހަރާއި ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވަނީ ކަނޑައަޅުއްވައިފައެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.