އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެފްއޭއެމުން ކަޅު ދަބަސްތަކެއް ނެރުނު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަދި ވަގުތީ ގޮތުން ޔޫތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީވަހީދު މިހެން ވިދާޅުވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި މެދު ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ. އެ ގޮތުން ސްޕޯޓް މިނިސްޓްރީ ނުވަތަ ސަރުކާރާއި ފުޓްބޯޅައިގެ އެއްވެސް ބަޔަކާ ދެމެދު މައްސަލައެއް ނުޖެހޭ ކަމަށާއި މައްސަލަ ޖެހިފައިވަނީ ކްލަބް ތަކާއި އެފްއޭއެމާއި ދެމެދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ފުޓްބޯޅައިގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށް ވިދާޅުވެ އެފްއޭއެމްގެ ލީޑަޝިޕުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ ތުހުމަތުތައް މިނިސްޓަރު ދޮގުކުރެއްވި އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފީފާއެފްސީގެ ޓީމާ ބައްދަލުކޮށް ރާއްޖޭގެ ފުޓްބޯޅައިގައި ކަން ހިނގަމުން އަންނަ ގޮތާއި މިހާރު ކަން ކުރަމުން އަންނަ ގޮތް އެ ޓީމާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކްލަބްތަކާއި އެފްއޭއެމާއި ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފީފާއެފްސީގެ ޓީމާ ހިއްސާކުރައްވާނެ ކަމަށާއި މިފަދަ މައްސަލަތަކަކީ ސަރުކާރުގެ ނުފޫޒުން ކުރަމުން އަންނަ ކަމެއް ނޫންކަން ސާފުކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
''އަޅުގަނޑުމެން ފީފާއަށް ދަންނަވަން ބޭނުންވޭ ދިވެހިރާއްޖޭގައި ހިނގާ ދިޔަ އެންމެ ބޮޑު ސްކޭންޑަލް، ރައްޔިތުން އެންމެ ކަންތައް ބޮޑުވި ކަންތަކުގެ ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނު. މިގައުމުގަ ހިނގާ ދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނުކަން ހުރިހާ އެންމެނަށް އެނގޭނެ. ހަމަ އެގޮތަށް ދުނިޔޭގެ އެއްވެސް ތަނެއްގެ ފުޓް ބޯޅަ އިދާރާ ތެރޭގަ، ސިޔާސީ ޕާޓީގެ އޮފީހެއް ނަހަދާނެ. އެއީ ސެކަންޑް ޕާޓީ، ތާޑް ޕާޓީ، ފޯތް ޕާޓީ. އެހެން ނެހެދޭނެ. އަޅުގަނޑުމެން އެކަން ފީފާއިން ސާފު ކުރާނަން.." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކްލަބް ތަކާއި އެފްއޭއެމާއި މައްސަލަތަކެއް ޖެހިފައިވަނީ އެފްއޭއެމުން ''ލައިންތަކެއް ކްރޮސް ކުރައްވައިގެން'' ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅިވަރާއި އިގްތިސާދަކީ ސިޔާސީ ކޮށްގެން ނުވާނެ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ކުޅިވަރު ސިޔާސީ ކުރުން ހުއްޓާލުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.