ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ލެންބުމަށްޓަކައި، ވަކިގޮތަކަށް ތައްޔާރުކޮށްފައިވާ އަނގޮޓިތަކެއް ޗައިނާ އިން ގެނެސްފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ލިޔުން ކަމަށް ބުނެ ލީކުކޮށްލައިފައިވާ ލިޔުމުގައި ފާހަގަކޮށްފިއެވެ.
ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ދައުވާ ފޯމުގެ ކޮޕީއެއް "ވަން އޮންލައިނަށް" ވަނީ ލިބިފައެވެ.
އެ ދައުވާ ފޯމުގައި ބުނެފައިވާނީ އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ލެންބުމަށްޓަކައި ވަކިގޮތަކަށް ތައްޔާރުކޮށްފައިވާ އަނގޮޓިތަކެއް، އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއްގެ އެންގުމަށް އަދި އެ މެމްބަރުން ޚަރަދުކޮށްގެން ޗައިނާއިން ގެނައި ކަމަށެވެ.
އެ ދެ މެމްބަރުންގެ އެންގުމަށް އެ އަނގޮޓިތައް ޓެސްޓުކުރެވި، އެ އަނގޮޓިތައް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު އެ އަނގޮޓިތައް ބޭނުންކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާކަން މިހާރު އެނގިފައިވާ ކަމަށް ވެސް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ދެ މެމްބަރުންނެއް ކަމެއް ބުނެފައެއް ނުވެއެވެ.
ބައެއް އަނގޮޓި ބޭނުންކުރުމަށްޓަކައި ހަވާލުކުރެވުނު މީހުން، އެ މީހުންގެ ވަނަވަރު ސިއްރުކުރެވޭ ގޮތެއްގެ މަތިން، އެކަންކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ޝަރީއަތަށް ކިޔައިދިނުމަށް ތައްޔާރަށް ތިބިކަމަށް ވެސް ދައުވާ ފޯމްގުގައި ވަނީ ބުނެފައެވެ. އަދި އެ އަނގޮޓިތަކުގެ ފޮޓޯ މީސް މީޑިއާގައި ދައުރުވެފައިވާކަމަށް ވެސް ދައުވާ ފޯމްގައި ވަނީ ބަޔާންކޮށްފައެވެ.
އެ ބުނާ އަނގޮޓި ބޭނުންކުރާ ގޮތް ވެސް ދައުވާ ފޯމްގައި ވަނީ ބަޔާންކޮށްފައެވެ.
އަނގޮޓި ބޭނުންކުރާނޭ ގޮތް: ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދާ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލުން.
ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އެމް ސެވަން އަށް ހަވާލުކުރުމަކީ ވެސް އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއްގެ ގޮތުގައި ދައުވާގައި ވަނީ ފާހަގަކޮށްފައެވެ. އެމް ސެވަން ގެ ފަންސާސް ޕަސެންޓު ހިއްސާ އޮންނަނީ އެކްސިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏެއްގައި ކަމަށާއި އެ ކުންފުނީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިއެއް ކަމަށްވާ ޚަދީޖާ ސަނާގެ އެއް ހިއްސާ އަދި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި އެމް ސެވަންގެ ޑިރެކްޓަރުންގެ ބޯޑުގައި ގާސިމްގެ ދެ ދަރިން ކަމަށްވާ ސަނާ އާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމަށާއި އެހެންކަމުން އެފަދަ ކުންފުންޏަކާ ހަވާލުކޮށްގެން ޗާޕުކުރެވޭ ވޯޓު ކަރުދާހަކީ އެ ކަރުދާސް ބޭނުންކޮށްގެން އެ ފަރާތަށް ނާޖާއިޒު ގޮތެއްގައި މަކަރާއި ހީލަތް ހަދައި އިންތިހާބުގެ ނަތީޖާ އެ ފަރާތުން ބޭނުންވާ ގޮތަށް ނެރުމަށް މަގުފައިވެފައިވާ ކަމެއް ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ދައުވާ ފޯމްގައި ވަނީ ފާހަގަކޮށްފައެވެ.
އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެއެވެ.
"ވޯޓު ކަރުދާސްތައް ރަނގަޅަށް ބަލައި އިސްވެ ދެންނެވުނު އެއްވެސް ވަސީލަތެއް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ އޮޅުވާލާފައި ވޭތޯ ކަށަވަރުކުރަން ޖެހެއެވެ. ރާއްޖޭން ބޭރުން ނޫނީ ނުލިބޭ ޓެކްނޮލޮޖީއެއް ކަމުން އެފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދައި ވޯޓު އޮޅުވައިލަން ކަންތައްތަކެއް ކުރެވިފައިވާ ނަމަ އެކަމުގައި ބޭރު ގައުމެއްގެ ބައިވެރިވުން އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި، ބޭރު ބަޔަކު މިފަދަ ނުފޫޒެއް ފޯރުވަން އުޅެފައިވާނަމަ އެއީ އެކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް ނުރައްކާ ވެދާނެ ކަމަށް ވުމާ އެކު އިންތިހާބުގައި ބޭނުންކުރެވުނު ވޯޓު ކަރުދާހާއި އެ ދުވަހު ބޭނުންކުރެވުނު އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އިސްވެ ދެންނެވިފައިވާ ބީދައިން ކަންކަން ހިނގާފައިވޭތޯ ބަލައި ތަހުގީގުކުރުމުގައި ފުލުހުންގެ އިތުރުން ސިފައިންގެ ކަމާބެހޭ ތަޖުރިބާކާރުންވެސް ފުރިހަމައަށް ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ،" އަނގޮޓިއާ ބެހޭގޮތުން ދައުވާ ފޯމްގައި ފާހަގަކޮށްފައިވެއެވެ.
ދައުވާ ފޯމްގައި ބަޔާންކޮށްފައި ވަނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ އިލެކްޝަންސް ކޮމެޕްލެއިންޓްސް ބިއުރޯގެ ކަންކަން އެ ކޮމިޝަނުން ވިލަރެސްކޮށް ރާވާފައި ވަނީ އަދި އެ ބިއުރޯގެ މަސައްކަތް ހިންގާފައި ވަނީ އެ ދެ ބިއުރޯގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވޭ ގޮތަށް ކަމަށެވެ.
އެންމެ ފުރަތަމަ ކޮމްޕްލަޔަންސް ބިއުރޯ ހުރީ ބާ ޖަމާލުއްދީނުގައި ކަމަށާއި އެތަނުން ދަރުބާރުގެއަށް ބިއުރޯ ބަދަލުކޮށްފައިވަނީ ވަސީލަތްތަކާ އެކީގައި ނޫން ކަމަށާއި އެހެންކަމުން ކޮމްޕްލަޔަންސް ބިއުރޯ ހުރީ އެއްވެސް ގޮތަކަށް ފޯނުގެ ޒަރިއްޔާއިން ވިޔަސް ނުވަތަ ފެކްސް، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ވިޔަސް އެތަނަށް އެއްވެސް މައްސަލައެއް ހުށަހެޅޭ ހާލަތެއްގައި ނޫން ކަމަށް ދައުވާ ފޯމްގައި ވެއެވެ. އަދި ދަރުބާރުގެއިން އަނެއްކާ ބާ ޖަމާލުއްދީނަށް ކޮމްޕްލަޔަންސް ބިއުރޯ ބަދަލުކުރި ކަމަށް ވެސް ދައުވާ ފޯމުގައި ވެއެވެ.
ދައުވާ ފޯމްގައި ވަނީ ކޮމްޕްލަޔަންސް ބިއުރޯ އަށް ހުށަހެޅޭ މައްސަލަތައް ނިންމަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ލަފަޔާއެކުގައި ކަމަށް ބިއުރޯގެ މެންބަރުންނަށް އަންގައިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ބަދަލުވާ ވަރުގެ މައްސަލައެއް ނެތްކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ލިޔުމެއް ދިނުމަށް އެ ބިއުރޯގައި އިލެކްޝަންސް ކޮމިޝަނުން އެދުނު ކަމަށާއި ޖަވާބުގައި މައްސަލަތައް ބަލައި ނުނިމެނީސް އެފަދަ ލިޔުމެއް ދެވެން ނެތް ކަމަށް ކޮމްޕްލެއިންޓްސް ބިއުރޯއިން ކޮމިޝަނަށް ޖަވާބުދީފައިވާ ކަމަށް ވެސް ދައުވާ ފޯމްގައި ވެއެވެ.
ވޯޓިން ބޫތު ތައްޔާރުކޮށްފައި ހުރިގޮތުންނާއި، ވޯޓުލާ ބައެއް ސަރަހައްދުތަކުގައި އެ ބޫތުތައް އަތުރާފައި ހުރިގޮތުގެ އިތުރުން އެ ބޫތުތަކުގެ ވަށައިގެން ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެނޫންވެސް މީހުން މަޑުކޮށްގެން ތިބުމުގެ އިންތިޒާމް އެ ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން ވޯޓުލީ އެތައް ބައެއްގެ ވޯޓުގެ ސިއްރުކަން ގެއްލިފައިވާކަމަށް ވެސް ދައުވާ ފޯމްގައި ވަނީ ބަޔާންކޮށްފައެވެ.
"ސިއްރު ވޯޓެއްކަން ކަށަވަރުނުވާ ގޮތަށް ވޯޓިން ބޫތުތައް ފަރުމާކޮށް ތަރުތީބުކޮށް އަތުރައިގެން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައި ވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފަށް އެ ކޮމިޝަނުން ކޮށްފައިވާ އަދި އެ ކަމުގެ ސަބަބުން އިންތިޚާބުގެ ސައްހަ ކަމާ މެދު ގާނޫނީ ސުވާލު އުފެދޭ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ،" ދައުވާ ފޯމްގައި ބަޔާންކޮށްފައި ވެއެވެ.
ދައުވާ ފޯމްގައި ބަޔާންކޮށްފައި ވަނީ ވޯޓު ކަރުދާހުގައި ހުރި ސެކިއުރިޓީ ތިން ފީޗާ ހުރިތޯ ބެލޭނީ ޔޫވީ ލައިޓަކުން ކަމަށް ވާއިރު، ޔޫވީ ލައިޓް ބޭނުންކޮށްފައި ވަނީ ވަރަށް މަދު ވޯޓުލާ މަރުކަޒެއްގައި ކަމަށެވެ. އެކަމުގެ 50 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުއިރު ވެސް އެކަމަށް ބަދަލެއް އައިސްފައި ނުވާއިރު، އަދި ފަހުން ވެސް ފޮށިތަކުގައި ހުރި ކަރުދާސްތަކުގެ ސައްހަކަން ޔޫވީ ލައިޓް ބޭނުންކޮށްގެން ބަލާފައިނުވާ ކަމަށް ދައުވާ ފޯމްގައި ވަނީ ބަޔާންކޮށްފަ އެވެ.
ވޯޓު ކަރުދާސް ހުރިހާ މަރުކަޒެއްގައި ގުނައި ވޯޓު ކަރުދާހުގެ އަދަދު ހާމަކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ވޯޓު ކަރުދާސް ރާއްކާތެރިކަމާ އެކު ވޯޓުލާ މަރުކަޒުތަކަށް ފޯރުކޮށްދެވުނުކަން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ކަށަވަރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް ދައުވާ ފޯމްގައި ވަނީ ބަޔާންކޮށްފައެވެ.
ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފަހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.
ދައުވާ ފޯމްގައި ބަޔާންކޮށްފައި ވަނީ ވޯޓުލާ މަރުކަޒުގައި ކިޔުލައިންގެ ކައިރީގައި އަދި ކިއުލައިންގައި ހަދިޔާ ބެހުމާއި ކެމްޕެއިން ކުރުން ކުރިއަށް ގެންގޮސްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓަށް ނުރަނގަޅު ނުފޫޒުތައް ފޯރާފައިވާ ކަމަށެވެ. އަދި ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓުދިނުމަށް ފަހު ފައިސާގެ އިނާޔަތް ހޯދުމުގެ ފުރުސަތު ފާޅުކަން ބޮޑުކޮށް އޮތުމާއި އެކަމުގައި އެކަށީގެންވާ ފިޔަވަޅު އެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އިހުމާލުވެފައިވާ ކަމަށް ވެސް ދައުވާ ފޯމްގައިވެއެވެ.
ދައުވާ ފޯމްގައި ބަޔާންކޮށްފައި ވަނީ ބައެއް ފޮށިތަކުގައި ހުރި ވޯޓު ކަރުދާސްތައް ގުނިއިރު، އެ ފޮށްޓަށް ވޯޓުލާފައިވާ މީހުންގެ އަދަދަށްވުރެ އިތުރަށް އެ ފޮށިތަކުގައި ވޯޓު ކަރުދާސް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ބެހެއްޓި ފޮއްޓެއް ގުނިއިރު 25 ކަރުދާސްކޮޅު އިތުރަށް ހުރި ކަމަށް ދައުވާގައި ވެއެވެ. ހަމަ އެހެންމެ ހުޅުމާލޭ އިތުރު ދެ ފޮށްޓެއްގައި އެ ފޮށިތަކަށް ވޯޓިލީ މީހުންގެ އަދަދާއި އެ ފޮށިތަކުގައި ހުރި ވޯޓުގެ އަދަދު ދިމާނުވާކަން ވެސް ފާހަގަވެފައިވާ ކަމަށް ދައުވާގައިވެއެވެ.
"އެހެންކަމުން ރިޔާސީ އިންތިޚާބުގައި ބެހެއްޓުނު ވޯޓު ފޮށިތަކަށް ލާފައި ވަނީ ހަގީގަތުގައިވެސް އެ ފޮށިތަކަށް ލުމަށް ކަނޑައެޅިފައިވާ ވޯޓުތައް އެކަނި ނޫންކަން ވެސް ވަރަށް ސާފުކޮށް އެނގެއެވެ. އަދި މިއީވެސް ރިޔާސީ އިންތިޚާބުގައި ލެވުނު ވޯޓުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ފަދަ ހާލަތެއް ކަމާއި އަދި މިކަމަކީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާން ޖެހޭ ކަމެއް ކަމާއި، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރި އިރު، މިއިން އެއްވެސް ކަމަކަށް އިލެކްޝަންސް ކޮމިޝަނަށް ހައްލު ހޯދައިދެވިފައި ނުވާކަންވެސް ފާހަގަކުރަމެވެ،" ދައުވާ ފޯމްގައި ބަޔާންކޮށްފައިވެއެވެ.
އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.