ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ) ފިލައިގެން އުޅެނިކޮށް އަވަށްޓެރި ލަންކާއިން ޑީޕޯޓުކޮށްލުމުން އޭނާ ރާއްޖޭން ހައްޔަރުކޮށްފިއެވެ.
އަރުޝަދަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އެ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ 2020 މާޗް މަހުގެ ތެރޭގައެވެ.
އެ އަމުރު ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ފްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ އަރުޝަދެވެ.
ނަމަވެސް ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަރުޝަދު ލަންކާއަށް ދިޔައީ ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހުއެވެ. ލަންކާއިން އޭނާ ޑީޕޯޓްކޮށްލުމުން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެކަން ފުލުހުން "ވަން" އަށް ކަށަވަރުކޮށްދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް އޭނާ މި ވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.